
--
ޔޫޓިއުބްގައި މިހާތަނަށް އެންމެ ގިނަ މީހުން ބަލާފައިވާ ވީޑިއޯގެ ރެކޯޑު އޮންނަ މަޝްހޫރު "ބޭބީ ޝާކް" ލަވައިން ފެނިގެންދިޔަ ކުއްޖާ، ކޭ-ޕޮޕް އާޓިސްޓެއްގެ ގޮތުގައި މި މަހުގެ 20 ވަނަ ދުވަހު ތައާރަފްވުމަށް ހަމަޖެހިއްޖިއެވެ.

މި ވީޑިއޯ އުފެއްދި ކުންފުނި ކަމަށްވާ ޕިންކްފޮންގް ކޮމްޕެނީން ހާމަކޮށްފައިވާ ގޮތުގައި، މިހާރު އުމުރުން 17 އަހަރުގެ ޕާކް ގޮން-ރޮންގް ނެރުމަށް ހަމަޖެހިފައިވާ ފުރަތަމަ ޑިޖިޓަލް ސިންގަލްގެ ނަމަކީ "ވޭވް" އެވެ.
ކޮރެއާ ބަހުން ކިޔާފައިވާ މި ލަވައިގެ ޅެން ހެދުމުގައި އޭނާވެސް ބައިވެރިވެފައިވާއިރު، މި ލަވައިން ކޭ-ޕޮޕް ގްރޫޕް 'މޮންސްޓާ އެކްސް' ގެ މަޝްހޫރު ތަރި ޖޫހަނީ ވެސް ފެނިގެންދާނެއެވެ.
2016 ވަނަ އަހަރު ނެރުނު "ބޭބީ ޝާކް ޑާންސް" ވީޑިއޯއިން ޕާކް އެންމެ ފުރަތަމަ ފެނިގެންދިޔައިރު، އެ ވީޑިއޯއަށް މިހާތަނަށް 17.2 ބިލިއަން ވިއުސް ލިބިފައިވެއެވެ. އަދި ވިދިވިދިގެން 69 މަސް ވަންދެން ޔޫޓިއުބްގެ އެންމެ ގިނަ ވިއުސް ލިބުނު ވީޑިއޯގެ ރެކޯޑު މި ވީޑިއޯއިން ވަނީ ދަމަހައްޓާފައެވެ. މި ލަވައަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރު ނެރުނު ކުރު ވީޑިއޯތަކަކުން ޕާކް އަލުން ފެނިގެންދިޔައިރު، އެ ވީޑިއޯތަކަށްވެސް 22 މިލިއަން ވިއުސް ލިބިފައިވެއެވެ.
މިކަމާ ގުޅޭގޮތުން ޕާކް ބުނެފައިވަނީ، ކުޑައިރު އޭނާ ފެނިގެންދިޔަ ވީޑިއޯއަކުން މީހުން އަދިވެސް އޭނާ ހަނދާން ހުންނާތީ އެކަމާ ވަރަށް އުފާކުރާ ކަމަށެވެ. "10 އަހަރު ކުރިން އަހަރެން ނެށީ ބޭބީ ޝާކް ކައިރީގައި. އެކަމަކު މިހާރު އަހަރެން ބޭނުންވަނީ އަހަރެންގެ އަމިއްލަ އަޑާއި އަހަރެން އަމިއްލައަށް ލިޔުނު ލަވައެއް ހިއްސާކުރަން. މިހާތަނަށް އަހަރެން ހަނދާންކުރި މީހުންނާއެކު އައު ފެށުމަކުން ފަށަން ލިބުމުން ވަރަށް އުފާވޭ، އަދި ކުރިއަށް އޮތް ތަނުގައިވެސް އަހަރެން ކުރިއަރަމުން އަންނަ ގޮތް ދައްކަން ބޭނުން،" ޕާކް ބުންޏެވެ.
ޕިންކްފޮންގް ކުންފުނިން ބުނި ގޮތުގައި މިއީ ހަމައެކަނި އެ ވީޑިއޯގައި އުޅުނު ކުއްޖާ އަނބުރާ ގެނައުމެއް ނޫނެވެ. މިއީ އޭނާގެ އަމިއްލަ ވާހަކަ ކިޔައިދީ، އައު ފެށުމަކުން ކުރިއަށް ދިއުމަށް އެޅޭ ފިޔަވަޅެކެވެ.
ނަމަވެސް، މިއީ އާންމުކޮށް ކޭ-ޕޮޕް އައިޑޮލްއެއް ޑެބިއުކުރާ ފަދަ ކަމަކަށްވުރެ ބޮޑަށް އެއްފަހަރުގެ ޕްރޮޖެކްޓެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އޭނާގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތެއް ނިންމާނީ މި ލަވަ ނެރުމަށްފަހު ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.



