
-
ފާމަސީ ދާއިރާއިން ފާމަސިސްޓުން ތަމްރީންކުރުމާއި، އެ ދާއިރާއިން ކިޔަވާ ކުދިން އިތުރުކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖްމަންޓުން މިއަދު ވިލާ ކޮލެޖުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ބޭއްވުނު ބައްދަލުވުމުގައި، ފާމަސީ ދާއިރާއިން ކިޔަވައިދިނުމާއި ތަމްރީން ޕްރޮގްރާމްތައް ފުޅާކުރުމުގެ އިތުރުން، އެ ދާއިރާއިން ދަސްވެނިވެގެން ސީދާ ވަޒީފާގެ މާހައުލަށް ނިކުންނަ ފަރާތްތަކަށް ކުންފުނިން ފުރުސަތު ހުޅުވާލުމަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައި އެވެ.
އަދި މީގެ އިތުރުން، މިހާރުވެސް ދާއިރާގައި މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްތަކަކަށް އަމާޒުކޮށްގެން ޚާއްސަ ރިފްރެޝަރ ކޯސްތަކެއް ހިންގުމަށް ވިލާ ކޮލެޖާ ގުޅިގެން މަސައްކަތްކުރުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.
ސްޓޭޓްފާމާގެ މެނޭޖްމަންޓުން ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހި ޒުވާނުންނަށް މި ދާއިރާއިން ކުރިއަށްދިއުމަށާއި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ކުންފުނީން އަބަދުވެސް މަސައްކަތް ކުރާނެ އެވެ.
މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ސިއްހީ އަދި ބޭސްވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން އުފެއްދުމަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.





