
އިބަމައިގެ މަސައްކަތްތައް ހަރުދަނާކުރުމަށް 6 މުއައްސަސާއެއް ބައިވެރިވެގެން މަސައްކަތު ބައްދަލުވުމެއް!
# އިބަމަ-
ރަށްރަށުގައި އުފައްދާފައިވާ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގެ އުސޫލު މުރާޖައާކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އިބަމައިގެ ހިއްސާދާރު މުއައްސަސާތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ޚާއްސަ މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފިއެވެ.

އިބަމައިގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އުސޫލަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި، އިބަމައިގެ ހިއްސާދާރު މުއައްސަސާތަކުގެ ގޮތުގައި ހިމެނޭ ޖުމްލަ ހަ އިދާރާއަކުން ވަނީ ބައިވެރިވެފައެވެ.
އޭގެ ތެރޭގައި ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަދި ޔުނިސެފް މޯލްޑިވްސް ހިމެނެއެވެ.
މިނިސްޓްރީގެ އިސްނެގުމުގެ މަތިން މިއަދު ބާއްވާ މި ބައްދަލުވުމުގެ ތެރެއިން އެކުލަވާލެވޭ ޑްރާފްޓް އުސޫލަށް، ރަށްރަށުގައި ގާއިމުކޮށްފައިވާ އިބަމަ ގްރޫޕްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށްވެސް ވަނީ ރޭވިފައެވެ. މިއީ މުޖުތަމައުގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ އިބަމަ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.




