
އިއްބެގެ ހަނދާނުގައި ހުވަދޫ ރެކްރިއޭޝަނުގެ މުބާރާތްތަކުން 9 ނަމްބަރު ޖާޒީ ރިޓަޔަރ ކޮށްފި
# އިބްރާހިމް އަހުމަދު-
"ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ގެއްލިގެން ހޯދަމުންދާ ގދ. ތިނަދޫއަށް އުފަން، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (އިއްބެ) ކުޅިވަރަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އޭނާ ބޭނުންކުރި 9 ނަންބަރު ޖާޒީ ހުވަދޫ ރެކްރިއޭޝަނުން ރަސްމީކޮށް ރިޓަޔަރކޮށްފިއެވެ.

9 ނަންބަރަކީ "ޑަބްލިއު.ޑީ.ސީ ހިޔަލަ ހޭންޑްބޯޅަ މުބާރާތް 8" ގައި އިއްބެ ބޭނުންކުރި ޖާޒީ ނަމްބަރެވެ.
ހުވަދޫ ރެކްރިއޭޝަނުން މަޢުލޫމާތު ދޭގޮތުގައި، މި ނިންމުމަކީ އިބްރާހީމް އަޙްމަދު ކުޅިވަރުގެ މައިދާނުގައި ދެއްކެވި ސާބިތުކަމާއި، ބެހެއްޓެވި ފަރުވާތެރިކަމަށް އިޙުތިރާމް އަދާކުރުމުގެ ގޮތުން ނިންމި މުހިންމު ނިންމުމެކެވެ. މީގެ ފަހުން އެ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ އެއްވެސް މުބާރާތެއްގެ އެއްވެސް މެޗެއްގައި އެއްވެސް ކުޅުންތެރިއަކު 9 ނަންބަރު ޖާޒީ ބޭނުން ނުކުރާނެ ކަމަށް ވަނީ އިޢުލާންކޮށްފައެވެ.
އަދި 9 ނަންބަރަކީ އަބަދުވެސް އިބްރާހީމް އަޙްމަދުގެ ނަންބަރު ކަމުގައި ކަނޑައަޅައި، އޭނާގެ ހަނދާންތައް އަބަދުވެސް އާކުރަމުންދާނެ ކަމަށް ހުވަދޫ ރެކްރިއޭޝަނުން ފާހަގަކުރެއެވެ.
އުމުރުން 39 އަހަރުގެ އިބްރާހީމް އަޙްމަދަކީ ސިފައިންގެ ޚިދުމަތުގައި އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވަމުންދާ ހީވާގި ބޭކަލެއްގެ އިތުރުން، މުޅި ސަރަޙައްދުގައިވެސް ނަން މަޝްހޫރު ކުޅަދާނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ ތިނަދޫގެ ފުޓްބޯޅަ އާއި ފުޓްސަލް ޓީމުތަކަށާއި، ހޭންޑްބޯޅަ ޓީމްތަކަށް އަދި ސިފައިންގެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.
އިއްބެ ގެއްލުނު ޚަބަރާއެކު ތިނަދޫގެ އާންމު ރައްޔިތުންނާއި މުޅި ކުޅިވަރު އާއިލާއިން ދަނީ ފުން ހިތާމައެއްގައި، އޭނާ ހެޔޮ ހާލުގައި ފެނުމުގެ އުންމީދުގައި ހެޔޮ ދުޢާތައް އާކުރަމުންނެވެ.
މި ހާދިސާގައި އިއްބެގެ އިތުރުން ދެން ގެއްލިގެން ހޯދަމުންދަނީ ފުލުހުންގެ ޚިދުމަތުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު އާއި، އަޑިއަށްދިޔަ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، މުޙައްމަދު ޙަމްދޫންއެވެ. ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ދޯނި އަޑިއަށްދާން ފެށުމުން، އޭގައި ތިބި ފަޅުވެރިން ސަލާމަތްކުރުމަށްފަހު، ދޯނީގައި ބާކީ ތިބި ކެޕްޓަނާއި އެހީތެރިވުމަށް އެރި ފުލުހުންނާއި ސިފައިންގެ ބޭކަލުން ދިޔަ ހިއްކަން މަސައްކަތް ކުރަނިކޮށް ދޯނި ބަންޑުންޖަހާލީއެވެ. މި 3 މީހުން ހޯދުމުގެ އޮޕަރޭޝަން ކަނޑާއި ވައިގެ މަގުން މެދުކެނޑުމެއްނެތި މިހާރުވެސް ދަނީ ކުރިއަށެވެ.



