
-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ރަށްރަށުގެ އިޖުތިމާޢީ ދިރުން އާލާކޮށް، ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ބިނާކޮށްދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ނ. މާޅެންދޫގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ޕީއެސްއައިޕީ ޕްރޮގްރާމްގެ ދަށުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން މާޅެންދޫގައި ތަރައްގީކުރި މި ޕާކު ހުޅުވައިދެއްވީ އެކަމަށްޓަކައި އެރަށުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު އަފީފް ހުސައިންއެވެ.
މާޅެންދޫގައި މި ހުޅުވުނު ޕާކަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ޕާކުތައް ތަރައްގީކުރުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫއުގެ ދަށުން ނިމިގެންދިޔަ މުހިންމު އެއް މަސައްކަތެކެވެ. މި ބޮޑު މަޝްރޫއުގެ ދަށުން ރާއްޖޭގެ 46 ރަށެއްގައި ޕާކުތައް ތަރައްގީކުރުމުގެ މަސައްކަތް ވަނީ ސަރުކާރު ހިއްސާވާ 5 ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަންގެ އިތުރުން، އެމްޓީސީސީ، އާރްޑީސީ، އެސްޓީއޯ އަދި އެޗްޑީސީއެވެ.
މި 46 ރަށުގެ ޕާކުތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ މައިގަނޑު ދެ ބެޗަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބެޗްގައި 14 ރަށެއްގެ ޕާކު ހިމެނޭއިރު، ދެވަނަ ބެޗްގައި 32 ރަށެއްގެ ޕާކު ތަރައްގީކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ ރަށްރަށުގެ ކުޑަކުދިންނަށާއި އާއިލާތަކަށް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.




