
ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގެ ހާލަތާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ހިމެނޭ ސިޓީއެއް މިނިސްޓަރ އިހުސާނަށް!
# ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު# ހޯމް މިނިސްޓަރު އަލީ އިހުސާން# މެމްބަރު މުހައްމަދު އިބްރާހީމްހިންމަފުށީ.-
މާލެ އަތޮޅު ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ހާލަތާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ހިމެނޭ ސިޓީއެއް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ހުށަހަޅުއްވައިފިއެވެ.

މިސިޓީއަކީ 20 ވަނަ ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ސިޓީއެކެވެ.
މެމްބަރުގެ ސިޓީގައި ރިހިބިލިޓޭޝަން ސެންޓަރުގެ މިހާރުގެ ހާލަތާއި އެތަނުގެ ހިންގުން ހުރިގޮތާއި ތަނުގެ ހާލަތާމެދު އެ ސެންޓަރުން ފަރުވާ ހޯދަމުންދާ މީހުންނާއި އެ މީހުންގެ އާއިލާތަކުން ހާމަކޮށްފައިވާ ކަންބޮޑުވުންތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް އެދިވަޑައިގެންފައިވެއެވެ.
މެމްބަރުގެ ސިޓީގައި ވަނީ ކަމާބެހޭ ފަރާތްތަކުން އެތަނުގެ ނިޒާމީ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވާ ކަމަށާއި ފަރުވާ ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމާއި، އިންސާނީ ކަރާމާތުގެ އިތުރުން އަލުން މުޖުތަމައަށް ނުކުތުމަށް ކުރާ މަސައްކަތުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް ވިދާޅުވެފައެވެ.
އެގޮތުން ސެންޓަރުގައި ބަލި މީހުން ބޭތިއްބުމަށް އެކަށީގެންވާ ސާފުތާހިރު މާހައުލެއް ނެތްކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތަކީ ކޮބައިތޯއާ އެކަށީގެންވާ މިންވަރަށް ކައުންސިލަރުންނާއި މެޑިކަލް ސްޓާފުން ތިބިތޯ އަދި ސެންޓަރުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވެމުންދާ މަސައްކަތަކީ ކޮބައިތޯ ސިޓީގައި ވަނީ އައްސަވާފައެވެ.
ފަރުވާ ހޯދަމުންދާ މީހުންނަށް ފޯރުކޮށްދޭ ކާބޯތަކެތީގެ ފެންވަރާއި، ފާހާނާ އަދި ނިދާ ކޮޓަރިތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތަކީ ކޮބައިތޯ ވެސް ސުވާލުކުރައްވާފައިވެއެވެ.
އިންސާނީ ކަރާމާތް ހިމާޔަތްކުރެވިފައިވާ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާއެއް ދިނުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކުގައި ހައްގެއް ކަމުން އެއިން މަހުރޫމު ކުރުމަކީ ފަރުވާގެ ނަތީޖާ ގެއްލި އަލުން މަސްތުވާތަކެތި ބޭނުންކުރަން ފަށާނެ ކަމެއް ކަމަށް ވެސް އެ ސިޓީގައިވެއެވެ.
އެ މައުލޫމާތުތަކަކީ އާންމު މަސްލަހަތާ ގުޅިފައިވާ ކަންކަމަށްވާތީ އަވަސް މުއްދަތެއްގެ ތެރޭގައި މި މައުލޫމާތުތައް ދިނުމަށް ސިޓީގައި އެދިވަޑައިގަތެވެ.




