
-
ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ނ. ވެލިދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް ނިންމައި، އެ ތަން ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

މި ޕާކު ހުޅުވުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕާކު ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އަދި ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޡީމްއެވެ.
ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 46 ރަށެއްގައި ޕާކްތައް ތަރައްޤީ ކުރުމަށް ސަރުކާރު ހިއްސާވާ 5 ކުންފުންޏަކާ ވަނީ ހަވާލުކުރެވިފައެވެ.
އެ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ)، އާރްޑީސީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.
މި މަޝްރޫޢުގެ ދަށުން ޕާކުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބެޗްގައި 14 ރަށެއްގެ ޕާކު ހިމެނޭއިރު، ދެވަނަ ބެޗްގައި 32 ރަށެއްގެ ޕާކު ވަނީ ހިމަނާފައެވެ.





