
-
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި) ގެ ދަށުން އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެނަކަ ކޯޕަރޭޝަނުން ފުރިހަމައަށް ވާސިލުވެއްޖެއެވެ.

ފެނަކައިން މި މިންގަނޑަށް ވާސިލުވެފައިވާއިރު، މިއީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މި ޝަރަފުވެރި ލަނޑުދަނޑި ހާސިލުކުރި ތިންވަނަ ކުންފުންޏެވެ.
މި ލަނޑުދަނޑި ހާސިލުކުރުމަކީ ކުންފުނީގެ ހިންގުން ހަރުދަނާވެ، ނަޒާހަތްތެރިކަން އިތުރުވެ، ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިވެގެންދާނެ މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ފެނަކައިގެ އާ މެނޭޖުމަންޓުން ކުންފުނީގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރަމުންދާ އިޚުލާސްތެރި މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެކުންފުނީން ފާހަގަކުރެއެވެ.
އާރުޓީއައި ގާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުން، ދައުލަތުގެ މުއައްސަސާތަކުން އަމިއްލަ އިސްނެގުމުގެ މަތިން 13 ބާވަތެއްގެ މައުލޫމާތު އާންމުކޮށް ހާމަކުރަންޖެހެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އިދާރާގެ މަސްއޫލިއްޔަތުތަކާއި، އޮނިގަނޑު އަދި ވާޖިބުތައް
- އަހަރީ ބަޖެޓާއި ކުރަން ރާވާފައިވާ ހަރަދުތައް
- މުވައްޒަފުންނަށް ވަކިވަކިން ދޭ އުޖޫރަ
- ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާ އަދި ޒިންމާކުރުން ރޭވިފައިވާ ގޮތްތައް
ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ އިދާރާތަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަންޖެހޭ މައުލޫމާތުތައް ސަރުކާރުގެ ހުރިހާ ވުޒާރާތަކުން (މިނިސްޓްރީތަކުން) މިހާރު ވަނީ އާންމުކޮށްފައެވެ.
މިއީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް 2014 ވަނަ އަހަރު އަމަލުކުރަން ފެށި ފަހުން މިގޮތަށް ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރި ފުރަތަމަ ފަހަރެވެ.



