logoEN
WAMCO TOP 1
2028 ގެ ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒަށް ކާމިޔާބުކޮށްދޭން ޢަބްދުއްރަޙީމް ގޮވާލައްވައިފި

2028 ގެ ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒަށް ކާމިޔާބުކޮށްދޭން ޢަބްދުއްރަޙީމް ގޮވާލައްވައިފި

އަހުމަދު ޝުރާއު

logo

8/6/2026, 8:20:15 AM

# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

-

2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބުކޮށްދެއްވުމަށްޓަކައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެންމެހައި މެންބަރުން ކަމަރުބަންނަވައިގެން ނުކުމެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފިއެވެ.

THE TRAVELLER AD

ޢަބްދުއްރަޙީމް މިފަދައިން ގޮވާލެއްވީ އއ. އުކުޅަހުގައި ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރީގެ ސަރުކާރުން އޮތީ ޤައުމު ބޮޑު ދަރަންޏެއްގެ ތެރެއަށް ވައްޓާލައި ދަރުވާލާފައި ކަމަށެވެ. އަދި އިދިކޮޅު ލީޑަރުން ތިއްބެވީ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވެގެން ދާނެ ކަމަށް ހިސާބު ހަދައިގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ކުރީ ސަރުކާރުތަކުން އުފެއްދި ބޮޑު ދަރަނި މެދުކެނޑުމެއްނެތި ދައްކަވަމުން، ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވައި، ރާއްޖެ އަލުން ނަގައި ކޮޅަށް ޖެއްސެވީ ރައީސް މުޢިއްޒުގެ ހިކުމަތްތެރި ލީޑާޝިޕްގެ ދަށުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އަދި ދުނިޔޭގެ ހަނގުރާމައިގެ ޙާލަތުގައިވެސް ކާބޯތަކެއްޗާއި ތެލާއި އެ ނޫންވެސް އަސާސީ ހުރިހާ ތަކެއްޗެއް ދަތިކަމެއް ނެތި ރާއްޖެއަށް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

"އެހެންވީމާ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒަށް ކާމިޔާބުކޮށް ދެއްވަންވީ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެއިތުރުން، އެމްޑީޕީން އެއްވެސް އަމާޒެއް ނެތި "އަނެއް ދިވެހިރާއްޖެ" އަށް ކުރި ދަތުރު "ދިވެހީންގެ ރާއްޖެއަށް" އަނބުރާލައްވައި ޤައުމު ހަމަމަގަށް ގެނެސްދެއްވީ ރައީސް މުޢިއްޒު ކަމަށާއި، އެކަން އިދިކޮޅު ފަރާތްތަކަށް "ހަޖަމު" ނުވެގެން އެކި ފަހަރު އެކި ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން، ބަޔަކު ދައްކާހާ ދޮގު ވާހަކަތަކެއް ޤަބޫލުނުކޮށް، ކަންކަމުގައި ބުއްދީގެ ބޭނުންކުރާ ބަޔަކަށްވުމަށް ހުރިހާ ރައްޔިތުންނަށް މަޖިލީހުގެ ރައީސް އިލްތިމާސް ކުރެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC