
ނޮޅިވަރަމްގައި ލަކުސަނަ ޕްރޮގްރާމް ފެށުމުގެ ތެރެއިން
ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމް "ލަކުސަނަ" ރަސްމީކޮށް ހދ.ނޮޅިވަރަމުގައި ފަށައިފި އެވެ.

ޕީސް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމް ކުރިއަށްގެންދަނީ މިއަދުން ފެށިގެން މި މަހުގެ 8 ވަނަ ދުވަހާ ހަމައަށެވެ.
ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ސަބާހު ވިދާޅުވީ މި ޕްރޮގްރާމްގައި ދީނީ އަދި އެކިއެކި ދާއިރާތަކުން އާންމުން ހޭލުންތެރި ކުރުވުމަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރަށުގެ ރައްޔިތުން ޝާމިލްވާ ގޮތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ދީނީ އިލްމުވެރިން ހިމެނޭހެން 20 އެކްސްޕާޓުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ސަބާހު ވިދާޅުވި އެވެ.
ސަބާހު ވިދާޅުވީ މިއަދު ހެނދުނު ތަމްރީން ޕްރޮގްރާމްތައް ފަށާފައިވާ ކަމަށެވެ. އަދި ހަވީރުގެ ވަގުތުގައި 5 ޓީމަކާއެކު މަސްރޭހެއްވެސް ބާއްވާފައިވާ ކަމަށް ސަބާހު ފާހަގަކުރި އެވެ.
މި ޕްރޮގްރާމުގެ ދަށުން މުޖުތަމައުގެ އެކިއެކި ގިންތިކަކަށް އަމާޒުކޮށްގެން ޕޭރެންޓިންގް ވޯކްޝޮޕުތަކާއި، ޓީނޭޖް ވޯކްޝޮޕް، ބިޒްނަސް ޕްލޭން ކުރުމާއި، މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވޯކްޝޮޕްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އަދި ދަރިވަރުންގެ އުމުރާ ގުޅޭ ދީނީ އަދި އިޖުތިމާއީ ޕްރޮގްރާމުތަކާއި، އަންހެން ކުދިންނާއި ޓީޗަރުންނަށް ހާއްސަ ސެޝަންތަކެއްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެ އެވެ.
މީގެއިތުރުން ރަށުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މުއައްސަސާތަކުގެ ވެރިންނަށް އަމާޒުކޮށްގެން ލީޑާޝިޕް ޕްރޮގްރާމެއްވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
މީގެކުރިން މ.ދިއްގަރުގައިވެސް މިފަދަ ޕްރޮގްރާމެއް ރަށުގެ އާބާދީގެ 80 އިންސައްތަ ބައިވެރިންނާއެކު ކުރިއަށް ގެންގޮސްފައިވާކަމަށް ސަބާހު ފާހަގަކުރި އެވެ. އަދި އެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށްވެސް އޭނާ ފާހަގަކުރި އެވެ.
ޕީސް ފައުންޑޭޝަން 2010 ވަނަ އަހަރު އުފެދުނުއިރު މިއީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެ، ތައުލީމާއި ތަމްރީނުގެ ތެރެއިން އަހުލާގީ ގޮތުން ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން ދަނީ ދަރުސްތަކާއި، ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކާއި، ދައުވާ މެނޭޖްމަންޓް ވޯކްޝޮޕްތަކުގެ އިތުރުން އިސްލާމިކް ފައިނޭންސް ފަދަ ތަފާތު ދާއިރާތަކުން އާންމުން ހޭލުންތެރި ކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.




