
މި އަހަރު ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ދެގުނަވެ، 21.3 މިލިއަނަށް އަރައިފި
# މޯލްޑިވްސް ޒަކާތު ހައުސްމި އަހަރު ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ދެގުނަވެ، 21.3 މިލިއަނަށް
2026ވަނަ އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ 2025ވަނަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2026ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި (އެޕްރީލުން ޖޫންއަށް) މުދަލު ޒަކާތުގެ ގޮތުގައި 34.40 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 26.73 މިލިއަން ރުފިޔާއާ އަޅާބަލާއިރު 28.73 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން، 2026ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 79.73 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 61.58 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29.48 އިންސައްތައިގެ ކުރިއެރުމެކެވެ.
ޖޫން މަހުގެ ތެރޭގައި މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ޒަކާތުގެ ބެހެނިވެރީންގެ އެކި ދާއިރާތަކަށް ޖުމުލަ 18,824,537.13 ރުފިޔާ ދޫކޮށްފައެވެ.
މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދާއިރާއަށެވެ. އެ ދާއިރާއަށް ޖުމުލަ 16,995,735.75 ރުފިޔާ ހޭދަކޮށްފައިވެއެވެ.




