
މިދިޔަ އަހަރުތަކެކޭ އެއްފަދައިން، ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ރާއްޖެއަށް އަނބު ހަދިޔާކޮށްފި
# ރާއްޖެ-ބަންގުލަދޭޝްމިނިވަންދުވަހާ ގުޅުވައިގެން ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް އަނބު ހަދިޔާކޮށްފި ---
މިދިޔަ އަހަރުތަކެކޭ އެއްފަދައިން، ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ރާއްޖެއަށް އަނބު ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވުނު ޚާއްސަ ހަފުލާއެއްގައި، މި ހަދިޔާ ރާއްޖެއާ ހަވާލުކޮށްދެއްވީ ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ހަދިޔާއާ ހަވާލުވެވަޑައިގަތީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑެޕިއުޓީ ޗީފް އޮފް ޕްރޮޓޮކޯލް ބަދޫރާ ސައީދެވެ.
މި އަނބު ހަދިޔާކޮށްފައިވަނީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުރް ރަޙްމާން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ދިމާކޮށެވެ. ބަންގްލަދޭޝް އެމްބަސީން ހާމަކުރި ގޮތުގައި، އެ ގައުމުގެ މޮޅު އަނބު ރާއްޖެއަށް ފޮނުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމާއި، ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން ދައްކުވައިދޭ ރަމްޒެކެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ބިނާވެފައިވަނީ އިތުބާރާއި، ވިޔަފާރިއާއި، ތައުލީމާއި، ސިއްހީ ދާއިރާގެ އިތުރުން ތިމާވެށީގެ މައްސަލަތަކާއި ދިފާއީ ކަންކަމުގައި އޮތް އެއްބާރުލުމުގެ މައްޗަށް ކަމަށް އެމްބަސީން ފާހަގަކުރެއެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި ސަގާފީ ދާއިރާއިން ވެސް ދެ ގައުމު ގުޅިގެން މަސައްކަތް ކުރެއެވެ.
ބަންގްލަދޭޝް ސަރުކާރުން ރާއްޖެއާއެކު އޮންނަ ގުޅުމަށް ވަރަށް ބޮޑު އިސްކަމެއް ދޭއިރު، ދެ ގައުމުގެ ކުރިއެރުމަށްޓަކައި ދިވެހި ސަރުކާރާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެމްބަސީން ވަނީ ދީފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، 2024 ވަނަ އަހަރާ ހަމައަށް ބޮޑުވަޒީރު ކަމުގައި ހުންނެވި ޝެއިޚް ހަސީނާގެ ދައުރުގައި ވެސް ގަވާއިދުން ރާއްޖެއަށް އަނބު ހަދިޔާކުރަމުން ގޮސްފައިވެއެވެ.




