.jpg&w=3840&q=75)
އއ.މަތިވެރީގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ހަރަކާތެއް ބާއްވައިފި
# 5 މިލިއަން ގަސް މަޝްރޫއު# އއ.މަތިވެރި# ގަސް އިންދުންފޮޓޯ: މިނިސްޓްރީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ދަށުން، އއ. މަތިވެރީގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތަކީ މަތިވެރީގެ ތިމާވެށި ހިމާޔަތްކޮށް، ރަށް ފެހިކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް, އެންވަޔަރަންމަންޓް، އެންޑް އެނަރޖީ އާއި މަތިވެރީ ކައުންސިލް އިދާރާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގެ ތެރެއިން ރަށުގެ އެކި ސަރަޙައްދުތަކުގައި ރާއްޖޭގެ މާޙައުލާ ގުޅޭ ތަފާތު ބާވަތްތަކުގެ ގަސްތައް ވަނީ އިންދާފައެވެ. މީގެ ތެރޭގައި ހިޔާދޭ ގަސްތަކާއި، މޭވާ އަޅާ ގަސްތައް ހިމެނެއެވެ.
މި މަޝްރޫޢަކީ ދުނިޔެއަށް އަންނަ މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމަށާއި، ރާއްޖޭގެ ރަށްތަކަކީ ފެހި، ހިތްފަސޭހަ ތަންތަނަށް ހެދުމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ. މަތިވެރީގައި ބޭއްވުނު މި ހަރަކާތުގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އާންމު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، އިންދި ގަސްތައް ބަލަހައްޓައި ބޮޑުކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެއެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދައި ނިންމުމެވެ.






