
ސިއްހީ ތަންތަނުގައި ބޭނުންކުރަން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ، ހިޖާބު ތައާރަފުކޮށްފި
# އިސްލާމީ ދުނިޔެ.
ނޯތު މެމޯރިއަލް ހެލްތުން މުސްލިމް ބަލިމީހުންނާއި ސިއްހީ ހިދުމަތްތެރިންނަށް ހާއްސަކޮށް، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ، ސާފުތާހިރު ހިޖާބު ތައާރަފުކޮށްފިއެވެ.

މިއީ އާންމުކޮށް ސާޖަރީތަކުގައި ބޭނުންކުރާ ބޮލުގައި އަޅާ ކަވަރަށްވުރެ އުސޫލުތަކާ ބޮޑަށް ގުޅޭ ބަދަލެކެވެ.
މި ސްޓެރައިލް ހިޖާބުތައް އުފައްދާފައިވަނީ މިނިސޯޓާގެ "މަވައްދާ" ނަމަކަށް ކިޔާ ސްޓާޓްއަޕް އަކުންނެވެ. މި ކުންފުނި އުފެއްދީ އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ މިންގަނޑުތަކާއި އިސްލާމީ އައުރަ ނިވާކުރުމުގެ އުސޫލުތަކާ ދެމެދު ހުރި ގޮންޖެހުންތައް އަމަލީގޮތުން ތަޖުރިބާކޮށްފައިވާ ދެ މުސްލިމް ރެސްޕިރޭޓަރީ ތެރަޕިސްޓުންނެވެ.
ހޮސްޕިޓަލުގެ އިސްވެރިން ވިދާޅުވާ ގޮތުގައި، މި އިސްނެގުމުގެ ސަބަބުން މުސްލިމް ބަލިމީހުންނާއި މުވައްޒަފުންނަށް އެމީހުންގެ ދީނީ އުސޫލުތައް ހިފަހައްޓަމުން ސިއްހީ ހިދުމަތް ހޯދުމާއި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
މިއީ ބަލިމީހުންނާއި ސިއްހީ ހިދުމަތްތެރިންގެ ތަފާތު ދީނީ އަދި ސަގާފީ ބޭނުންތަކަށް އިހުތިރާމްކުރާ، އެންމެން ބައިވެރިކުރެވޭ ފަދަ މާހައުލެއް ގާއިމުކުރުމަށް ސިއްހީ ދާއިރާއިން ކުރަމުންދާ މަސައްކަތްތައް ރަމްޒުކޮށްދޭ ކަމެކެވެ.
މި މަސައްކަތުން ހާމަވެގެންދަނީ، ސަލާމަތީ އަދި އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ މިންގަނޑުތައް ހިފަހައްޓަމުން، ދީނީ ބޭނުންތަކަށް ފެތޭގޮތަށް ސިއްހީ މުއައްސަސާތަކުގެ އުސޫލުތައް ބަދަލުކުރެވިދާނެ ގޮތެވެ.




