
ރާއްޖޭގައި ނިއުކްލިއިކް އެސިޑް ޓެސްޓް ހަދަން ފަށައިފި
# މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލް# ލޭގެ ހިދުމަތްރާއްޖޭގައި ނިއުކްލިއިކް އެސިޑް ޓެސްޓް ހަދަން ފެށުމުގެ ތެރެއިން- ފޮޓޯ: މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް
ލޭގައި ހުންނަ ބަލިތައް އަވަހަށް ދެނެގަންނަ ، ނިއުކްލިއިކް އެސިޑް ޓެސްޓިންގް ހަދަން ރާއްޖޭގައި ފަށައިފި އެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މޯލްޑިވްސް ބަލްޑް ސާވިސްގައި މިއަދު އެ ހިދުމަތް ފަށާފައިވާއިރު، މިއީ ރާއްޖޭގައި ލޭގެ ހިދުމަތް ޒަމާނީ ފެންވަރަށް ގެންދިޔުމުގައި ހާސިލްވި ވަރަށް މުހިންމު ތާރީހީ މަރުހަލާއެކެވެ.
ނިއުކްލިއިކް އެސިޑް ޓެސްޓިންއަކީ އެކި ފަރާތްތަކުން ހަދިޔާކުރާ ލޭގައި ހުރެދާނެ އެޗްއައިވީ، ހެޕަޓިޓިސް ބީ އަދި ހެޕަޓިޓިސް ސީ ފަދަ ބަލިތައް އާދައިގެ ޓެސްޓިންއަށްވުރެ އެތަށް ގުނައެއް އަވަހަށް ޔަޤީންކަމާއެކު ދެނެގަނެ، ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭނުންކުރަމުން އަންނަ އެންމެ ފަހުގެ ޓެކްނޮލޮޖީއެކެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ލޭގެ ހިދުމަތް އިތުރަށް ރައްކާތެރި އަދި ޒަމާނީ ކުރުމަށްޓަކައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ގެންދިއުމަށް އެޅި މުހިންމު ގައުމީ އަދި ތާރީހީ މަސައްކަތެއްގެ ފެށުން ކަމަށެވެ.
އެގޮތުން މިއީ ލޭގެ ހިދުމަތުގެ ގައުމީ މިންގަނޑުތައް އަދި މޯލްޑިވްސް ތެލެސީމިއާ މާސްޓަރ ޕްލޭން 2023-2024 ގައި ކަނޑައެޅިފައިވާ އިސްތިރާޖީ މަގްސަދުތައް ހާސިލްކުރުމަށް އެޅުނު މުހިންމު ގައުމީ ފިޔަވަޅެއްކަމަށް ސީއީއޯ ފާހަގަކުރި އެވެ.




