
-
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) 2026 ގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ވިޒިޓް މާލްޑިވްސް (އެމްއެމްޕީއާރުސީ) ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.

މިއީ ދެކުނު އޭޝިއާ ސަރަހައްދީ ފަތުރުވެރިކަމުގެ ގުޅުންތައް ވަރުގަދަކޮށް، ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިރާއްޖޭގެ މަގާމު އިތުރަށް އުފުލައިދިނުމަށް ވިޒިޓް މާލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ވެވުނު މުހިންމު ޕާޓްނަރޝިޕެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ބާސެލޯ ނަސަންދުރަ މާލޭގައެވެ. ސާޓާގެ 10 ވަނަ އެޑިޝަންގެ ތައްޔާރީތައް ފެށުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި ވިޒިޓް މާލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން، ސާޓާ 2026 އިވެންޓް ކުރިއަށްގެންދިއުމުގައި ވިޒިޓް މާލްޑިވްސްއިން މުހިންމު ދައުރެއް އަދާކުރާނެއެވެ. ސާޓާ އެވޯޑަކީ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ ހޮޓާތަކާއި، ރިސޯޓުތަކާއި، އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަންނީ މާހިރުންގެ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބާއްވާ އެންމެ ޝަރަފުވެރި ހަރަކާތެކެވެ.
މި ޕާޓްނަރޝިޕްގެ ސަބަބުން ރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލަން އަންނަ މަންޒިލެއްގެ އިތުރުން، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ބޮޑެތި ކޮންފަރެންސްތަކާއި އިވެންޓްތައް ބޭއްވުމަށް އެންމެ އެކަށީގެންވާ މަރުކަޒުގެ ގޮތުގައި އިޝްތިހާރުކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.
ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ސާޓާ އެވޯޑުވެފައިވަނީ ސަރަހައްދީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ އިތުބާރުހުރި އަދި އަގުހުރި އެވޯޑަށެވެ. ސާޓާގެ 10 ވަނަ އެޑިޝަންގައި ދެކުނު އޭޝިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިކަމުގެ ހިއްސާދާރުން ބައިވެރިވެ، ސިނާއަތުގެ ކުރިއެރުމާއި އީޖާދީ މަސައްކަތްތައް ފާހަގަކުރާނެއެވެ.



