
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ރ. ފައިނުގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި
# ރ ފައިނު-
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމެއްގެ މަތިން ކުރިޔަށްގެންދާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ދަށުން، ރ. ފައިނުގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތަކީ އެންވަޔަރަންމަންޓް މިނިސްޓްރީއާއި، ފައިނު ކައުންސިލް އިދާރާގެ އިތުރުން ކަމާގުޅޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މި މުހިންމު މަޝްރޫޢުގެ ދަށުން ފައިނުގައި ބޭއްވި މި ހަރަކާތުގައި އެންވަޔަރަންމަންޓް މިނިސްޓަރ ޢަލީ ޝަރީފް ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.
މި ހަރަކާތުގެ ތެރެއިން ފައިނުގެ އެކި ސަރަޙައްދުތަކުގައި ގަސް އިންދާފައިވާއިރު، މީގެ މައިގަނޑު މަޤްޞަދަކީ މޫސުމީ ބަދަލުތަކުން ރަށްރަށް ސަލާމަތްކުރުމަށާއި، ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ފެހި ތަނެއްގެ ގޮތުގައި ދެމެހެއްޓުމެވެ.
މި ހަރަކާތުގައި މިނިސްޓަރުގެ އިތުރުން ރަށުގެ ކައުންސިލާއި، އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުންވެސް ވަނީ ވަރަށް ފޯރިއާއެކު ބައިވެރިވެފައެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުއަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް އިސްކަންދީގެން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.




