
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ލަފާ ހޯދުމުގެ ބައްދަލުވުންތައް ފަށައިފި
# އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު# މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްއިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތު ---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމާއެކު ފެށުމަށް ހަމަޖެހިފައިވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަށް ބޭނުންވާ ލަފަޔާއި ޚިޔާލު ހޯދުމުގެ ސިލްސިލާ ބައްދަލުވުންތައް މިއަދު ފަށައިފިއެވެ.

މި ބައްދަލުވުންތަކަކީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުންދާ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ބައްދަލުވުންތައް އިފްތިތާޙްކޮށްދެއްވީ އެ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ވަޒީރު ހީނާ ވަލީދުއެވެ. އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ދިވެހި މުޖުތަމަޢުން ފަނޑުވަމުންދާ ރިވެތި އާދަކާދަތައް އަލުން އާލާކުރުމަށާއި ދިވެހިންގެ އަމިއްލަވަންތަކަން ނުވަތަ އައިޑެންޓިޓީ ހިމާޔަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުގެ ތެރެއިން ފެއްޓެވި މުހިންމު މަސައްކަތެކެވެ.
މަޝްވަރާ ބައްދަލުވުން ފައްޓަވައިދެއްވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މި މަޝްރޫޢު ބައްޓަންކުރާނީ މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު އެންމެންގެ ޚިޔާލަށް ބިނާކޮށްގެން ކަމަށެވެ. ދިވެހިންނަކީ އެކަކު އަނެކަކަށް ގަދަރުކުރާ، އަދަބުވެރި ބައެއްގެ ގޮތުގައި ތާރީޚީ ލިޔުންތަކުން ފެންނަން އޮތް ނަމަވެސް، ފަހަކަށް އައިސް އެ ސިފަތައް އުނިވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ދިވެހިންގެ މެހެމާންދާރީއާއި ރިވެތި އަޚްލާޤާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ލިޔެވިފައިވީ ނަމަވެސް، މިއަދު އެ ސިފަތައް މުޖުތަމަޢުން ގެއްލެމުންދާ ކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް،" ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ އެ ރިވެތި އުޅުންތައް އަލުން ދިވެހިންގެ ތެރެއަށް ގެނައުން ކަމަށާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ އަދި ގަދަރުކުރާ ބައެއްގެ ގޮތުގައި ދިވެހި މުޖުތަމަޢު ބިނާކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ އެކި ޖަމުޢިއްޔާތަކާއި، ކްލަބްތަކުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ޚިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރު އައިއިރު ދިވެހިންގެ އަމިއްލަވަންތަކަން އޮތީ ނެތިދިއުމުގެ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް މިހާރު ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަންދީގެން މަސައްކަތްތަކެއް ފެށިފައިވާ ކަމަށާއި، ތާރީޚާއި ސަގާފަތް ދިރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، މި ދާއިރާތަކުން ޚިދުމަތްކުރައްވާފައިވާ އިސްރަށްވެހިންގެ އެހީތެރިކަމާއި އެއްބާރުލުން މިހާރުވެސް ލިބެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.



