
މާލޭގައި ބޭއްވި ރާޅާއެޅުމުގެ މުބާރާތެއްގެ ތެރެއިން: ފޮޓޯ | މޯލްޑިވްސް ސާފިންގ އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ކުރިއަށްގެންދާ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން، ރާޅާއެޅުންތެރިންގެ ފެންވަރު މަތިކުރުމަށް ޚާއްސަކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމެއް މ. މުލީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

"ރާޅުދާނަ" ނަމުގައި 2022 ވަނަ އަހަރުން ފެށިގެން އެމްއެސްއޭއިން ކުރިއަށްގެންދާ މި ސިލްސިލާގެ ދަށުން މުލީ ކައުންސިލާއި ގުޅިގެން އެރަށުގައި ބާއްވާ ޕްރޮގްރާމް ކުރިއަށްދާނީ 2026 ޖުލައި 25 އިން 27 ގެ ނިޔަލަށެވެ.
މި ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުލީ ކައުންސިލް އޮފިސަރު ސީރީނާ ޢަބްދުއްލަތީފްގެ ނަންބަރު 7525425 އަށް ގުޅުއްވައި، 2026 ޖުލައި 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ނަންނޯޓު ކުރެއްވުމަށް ކައުންސިލުން އެދެއެވެ.
މި ޕްރޮގްރާމަކީ އެމްއެސްއޭގެ މޯލްޑިވްސް ޔޫތު ސާފިން ޑިވެލޮޕްމަންޓް ޕްރޮގްރާމް (އެމްވައިއެސްޑީޕީ) ގެ ދަށުން ހިންގާ ހަރަކާތެކެވެ.
އެމްއެސްއޭއިން މި އިވެންޓް ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު މަގްސަދަކީ އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ގެ ސެޓިފައިޑް ކޯޗުން ލައްވައި ތަމްރީނު ކުރުވައިގެން، ރާއްޖޭގައި ހުނަރުހުރި ޒުވާން ރާޅާއެޅުންތެރިން އުފައްދައި ކުޅިވަރުގެ މައިދާނަށް ނެރުމެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މި ކުޅިވަރުގެ ހުނަރުތައް ކުރިއެރުވުމަކީ ވެސް މި ޕްރޮގްރާމުގެ މުހިންމު ބޭނުމެއްގެ ގޮތުގައި އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.






