
ހަމަނުޖެހުން ހިނގި ވީޑިއޯގެ ސްކްރީން ޝޮޓެއް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގައި ހިނގި ހަމަނުޖެހުމުގެ ޒިންމާ އެ ޕާޓީން ނަގައިފިއެވެ.

އެ ޕާޓީގެ އެތެރޭގެ އިންތިހާބު ޖުލައި 11 ވަނަ ދުވަހު ބޭއްވި ހުޅުމާލެ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައެވެ. އެދުވަހު އެތަނުގައި ހިނގި ހަމަނުޖެހުމުގައި ދެ ގްރޫޕެއްގެ މެދުގައި ބަހުގެ ހަމަލާ ބަދަލުކޮށް، އެކަކު އަނެކެއްގެ ގައިގައި އަތްލާ ބޮޑު މާރާމާރީއެއް ހިންގާ މަންޒަރު އާންމުވެފައިވާ ވީޑިއޯ ގައި ފެނެއެވެ. އަދި އެ ސްކޫލުގެ ބައެއް ގޮނޑި އާއި މޭޒަށް ވެސް ގެއްލުން ދޭ މަންޒަރު ފެނެއެވެ.
މި ހާދިސާ ހިނގި ވަގުތު އެ ތަނުގައި ތިބި ދެ ފުލުހަކު ހަމަނުޖެހުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެހެންނަމަވެސް، މަސްލަހަތު ކޮންޓްރޯލް ނުވެ ގިނަ އިރުތަކެއް ވަންދެން ހަމަނުޖެހުން ކުރިއަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
މިކަމާގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ސްކޫލުގެ އެއް ދޮރުފަތުގެ ބިއްލޫރިގަނޑު ތަޅައިގެން ދިއުމުގެ އިތުރުން، އެ ތަނުގެ ސައުންޑް ސިސްޓަމަށް ވެސް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މި ގެއްލުންތަކުގެ ޒިންމާ ޕީއެންސީން މިހާރު އުފުލާފައިވާ ކަމަށާއި، ލިބުނު ގެއްލުންތަކަށް ބަދަލު ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ޕާޓީން ދީފައިވާ ކަމަށެވެ.
ޕީއެންސީގެ މެންބަރުންގެ މެދުގައި ހިނގި މި ހަމަނުޖެހުމާއި މާރާމާރީގެ މައްސަލަ ފުލުހުން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ގުޅުންހުރި

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހިނގި ހަމަނުޖެހުމުގެ ޒިންމާ އެ ޕާޓީން ނަގައިފި

ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ހަމަނުޖެހުން: 3 މީހުން 15 ދުވަހަށް ބަންދަށް

ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ހަމަނުޖެހުމާ ގުޅިގެން 3 ވަނަ މީހަކު ހައްޔަރުކޮށްފި




