އަންނަ މަހު އައު ޑިޒައިންގެ ކަނދުފަތިތައް ތައާރަފުކުރަނީ
# މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމްކަނދުފަތީގެ ޑިޒައިނަށް ބަދަލުގެނެސް އަޅާ ފުރަތަމަ ކަނދުފަތި އަންނަ މަހު އަޅާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވި ---
ކަނދުފަތީގެ ޑިޒައިނަށް ބަދަލުގެނެސް އަޅާ ފުރަތަމަ ކަނދުފަތި އަންނަ މަހު އަޅާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ވަޒީރު ވިދާޅުވީ މިދިޔަ އަހަރު އެކަނިވެސް ސަރުކާރުން ވަނީ 44 ވަދު ކަނދުފަތި ގާއިމުކޮށްފައިކަމަށާއި އެއާއެކު މި ސަރުކާރުން ގާއިމުކުރި ކަނދުފަތީގެ އަދަދު 99 އަށް އަރާފައިވާކަމަށެވެ.ކަޅުބިލަމަހުގެ މަސްވެރިކަމަށް ހާއްސަކޮށްގެން ދޮށީގެ ކަނދުފައްޗެއް ގާއިމްކޮށްފައިވާއިރު ވަދު ކަނދު ފަތީގެ ވިއުގައެއް ގާއިމްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި މި މަސައްކަތް އަންނަ އަހަރުގެ ފެބުރުވަރީ މަހަށް ނިމޭނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ބޭނުންކުރާ ކަނދުފަތިތަކަކީ 40 އަހަރު ކުރީގެ ޑިޒައިނެކެވެ. އެއާއެކު ކަނދުފަތިތައް ކެނޑޭ މައްސަލައަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ކަނދުފަތިތަކުގެ ޑިޒައިނަށް ބަދަލު ގެންނަން ނިންމާފައިވާކަމަށެވެ. އަދި ބަދަލާއިއެކު އަޅާ ފުރަތަމަ ކަނދުފަތި އަންނަ މަހުގެ ތެރޭގައި އަޅާނެކަމަށެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި، މިމަސައްކަތަކީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ވަޑައިގެންތަނާހެން ފަށައިގެން މަސައްކަތެކެވެ.
ސަރުކާރުން މި މަސައްކަތް ފެށީ މި ބަދަލުތަކާއެކު ގާތްގަނޑަކަށް ސާޅީހަކަށް ކަނދުފަތީގެ ވިއުގައެއް ގާއިމުކުރުމުގެ އަމާޒުގައެވެ. ކަނދުފަތި ވިއުގައެއްގެ ގޮތުގައި މިނިސްޓަރ އިޝާރާތްކުރެއްވީ، ކަނދުފަތިތަކުގެ އައު ޑިޒައިނަށެވެ. މާތްﷲ އިރާދަކުރެއްވިއްޔާ، މި އައު ފަރުމާއަށް ތައްޔާރުކުރެވޭ ފުރަތަމަ ކަނދުފަތި އަންނަ އޮގަސްޓު މަހުގެ ތެރޭގައި ކަނޑުގައި ބެހެއްޓޭނެ ކަމަށާއި މި ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ވަކި ނިޒާމެއްގެ ތެރެއިން ރޭވިގެން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ކަނދުފައްޗަކީ މަސްވެރިކަން ކުރިއަރުވައި، މަސް ބާނާ މިންވަރު އިތުރުކުރުމާއެކު، މަސްވެރިންނަށް ފަސޭހަކޮށްދިނުމުގައި މުހިއްމު ވަސީލަތެކެވެ. އަބަދުވެސް އިތުރު ކަނދުފަތި އެޅުމަށް މަސްވެރިން އެދެއެވެ. ނަމަވެސް އެކަށީގެންވާ އަދަދަކަށް ކަނދުފަތި އެޅުމުގައި ގިނަ ގޮންޖެހުންތަކެއް އަބަދުވެސް ކުރިމަތިވެއެވެ.
މަސްވެރިން ބޭނުންވާ މިންވަރަށް ރިއާޔަތްކޮށްގެން، ކަނޑުމަހުގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމަށްވެސް ފައިދާވާނެ ގޮތަށް ކަނދުފަތި އެޅުން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ސިޔާސަތެކެވެ.
މި ސަރުކާރުން އަޅާފައިވާ ކަނދުފަތީގެ ތެރެއިން 47 ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރާ ކަނދުފައްޗެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ހާއްސަކޮށްގެން އަޅާފައިވާ ކަނދުފަތިތަކެވެ. ބާކީ 52 ކަނދުފައްޗަކީ ވަނދު މަސްވެރިކަމަށް ހާއްސަކޮށްގެން އަޅާފައިވާ ކަނދުފައްޗެވެ. އެއީ މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ ސްޕޯޓްސް ފިޝިންގައި ބޭނުންކުރާ ކަނދުފަތިތަކެވެ.



