
ކުރީގެ ލެޖެންޑަރީ ކުޅުންތެރިޔާ ޒިދާން ފްރާންސްގެ ހެޑްކޯޗުކަމާ ހަވާލުވަނީ: ރިޕޯޓް
# ފްރާންސް# ޒައިނުއްދީން ޒިދާންކުރީގެ ލެޖެންޑަރީ ކުޅުންތެރިޔާ ޒައިނުއްދީން ޒިދާން
ފުްރާންސްގެ ސީނިއަރ ގައުމީ ފުޓުބޯޅަ ޓީމާ، އެ ޓީމުގެ ކުރީގެ ލެޖެންޑަރީ ކުޅުންތެރިޔާ ޒައިނުއްދީން ޒިދާން ހަވާލުވާން އުޅޭ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

އިޓަލީގެ މަގުބޫލު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯވެސް ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު ފްރެންޗް ފުޓްބޯޅަ ފެޑެރޭޝަނުން ލެޖެންޑް ޒައިނުއްދީން ޒިދާނާއެކު ރަސްމީ ހުރިހާ ލިޔެކިޔުންތަކެއް ނިންމުމަށް ވަނީ ރާވާފައެވެ.
ރޮމާނޯ ބުނި ގޮތުގައި، ވޭތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި ޒިދާން އެހެން އެއްވެސް ހުށަހެޅުމެއް ދިރާސާކޮށްފައެއް ނުވެއެވެ. ސަބަބަކީ އޭނާގެ މުޅި ސަމާލުކަން ހުރީ ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވުމަށެވެ. އަދި އޭނާ ހުރީ ރަސްމީ އިޖުރާއަތްތައް ނިމެންދެން މަޑުކޮށްގެންނެވެ.
ޒިދާން އެ މަގާމާ ހަވާލުވާން އުޅޭކަމުގެ ޚަބަރުތައް ފެތުރެމުން މިދަނީ، ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ސްޕެއިން އަތުން 2-0ގެ ނަތީޖާއިން ބަލިވެ، ފްރާންސް މުބާރާތުން ވަކިވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. މިއީ މި މުބާރާތުގައި 'ލެ ބްލޫސް' ގެ ދަތުރު ނިމުމަކަށް އައި މެޗެވެ.
ރިޕޯޓްތައް ބުނާގޮތުން ފްރެންޗް ފުޓްބޯޅަ ފެޑެރޭޝަނުން ތައްޔާރުވަމުންދަނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ދެމިގެންދާ ކޮންޓްރެކްޓެއްގައި ޒިދާނާއެކު އެއްބަސްވުން ނިންމުމަށެވެ.
މި ކޮންޓްރެކްޓްތަކުގައި ރަސްމީކޮށް ސޮއިކޮށްފިނަމަ، މިއީ ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި އާދަޔާ ހިލާފު ކާމިޔާބީތަކެއް ހޯދުމަށްފަހު، ޒިދާން ފްރާންސްގެ ގައުމީ ޓީމާ ހަވާލުވާ ފުރަތަމަ ފަހަރަށް ވާނެއެވެ.
ޒިދާން މަގާމާ ހަވާލުވާ ހިސާބުން، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް އެ މަގާމުން ވަކިވާނެއެވެ.
ފީފާ ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި ރޭ ސްޕެއިން އަތުން 2-0 ގެ ނަތީޖާއަކުން ފްރާންސް ބަލިވިއިރު, މި މުބާރާތުގެ ކުރިންވެސް ޑިޝޯމްޕް ވަނީ މި މުބާރާތަށްފަހު ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ކަމާއި ދުރަށް ދާނެކަމަށް ބުނެފަ އެވެ.
2012 ވަނަ އަހަރު ފްރާންސްގެ ހެޑްކޯޗު ކަމާ ޑިޝޯމްޕް ހަވާލުވިއިރު އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި 1998 ވަނަ އަހަރު ފީފާ ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. އަދި 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕް ފްރާންސުން ކާމިޔާބުކޮށްފައިވަނީ ޑިޝޯމްޕްގެ އިރުޝާދުގެ ދަށުންނެވެ. އެހެންކަމުން އޭނާވަނީ ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައި ވޯލްޑްކަޕް ކާމިޔާބުކުރި ތިން މީހުންގެ ތެރޭގައި ހިމެނިފައެވެ.
ގުޅުންހުރި

ކުރީގެ ލެޖެންޑަރީ ކުޅުންތެރިޔާ ޒިދާން ފްރާންސްގެ ހެޑްކޯޗުކަމާ ހަވާލުވަނީ: ރިޕޯޓް

ފްރާންސްގެ މަތިންދާ ބޯޓެއް ވެއްޓުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ ފްރާންސުން ބްރެޒިލް ބަލިކޮށްފި




