logoEN
WAMCO TOP 1
3 އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓުގެ މަސައްކަތް ފަށައިފި

3 އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓުގެ މަސައްކަތް ފަށައިފި

# މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް# މެދުރާސްތާގެ ބަޖެޓް

ރައްޔިތުންގެ މަޖިލިސް މެންބަރަކު ބަޖެޓް ފޮތް ބައްލަވައިލައްވަނީ- ފޮޓޯ: މަޖިލިސް

3 އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ފަށައިފި އެވެ.

THE TRAVELLER AD

ފިނޭންސް މިނިސްޓްރީން ވަނީ މެދު ރާސްތާގެ ބަޖެޓް ތައްޔާރުކުރުމަށްޓަކައި ދައުލަތުގެ އެންމެހާ އިދާރާތަކުން ބޭސްލައިން ބަޖެޓް ހުށަހެޅުމަށް މިހާރު ހުޅުވާލާފަ އެވެ.

ބޭސްލައިން ބަޖެޓަކީ އިދާރާތަކުން މިހާރު ކުރިއަށްގެންދާ ނުވަތަ ހިންގަމުންދާ ހަރަކާތްތަކާއި މަޝްރޫއުތައް މިހާރު ކުރިއަށްގެންދާ ފެންވަރު ނުވަތަ ސްކޯޕުގައި ކުރިއަށްގެންދިއުމަށްޓަކައި ހިނގާނެ ކަމަށް ލަފާކުރެވޭ ހރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެކެވެ. މީގެތެރޭގައި ބަޖެޓުގައި ނުހިމެނޭ ކަންކަންވެސް ހުރެއެވެ. އެއީ އަލަށް ފެށުމަށް ރާވާފައިވާ ހަރަކާތްތަކާއި، މަޝްރޫއުތަކާއި، އިތުރަށް ހޯދަން ބޭނުންވާ ހިދުމަތްތަކާއި ތަކެއްޗާއި އަދި އަލަށް ނަގަން ނިންމާފައިވާ މުވައްޒަފުންނަށް ބޭނުންވާ ބަޖެޓެވެ.

މިނިސްޓްރީން ވަނީ ބޭސްލައިން ބަޖެޓު ތައްޔާރުކުރުމަށްޓަކައި މަސްއޫލުވެ ޒިންމާވާ އޮފީސްތަކަށް ކަނޑައަޅާފައިވާ ބަޖެޓް ސީލިން ޝާއިއުކޮށްފަ އެވެ.

ދައުލަތުގެ ހުރިހާ އިދާރާތަކުން ސާކިއުލާގައި ހުރި ކަންތައްތައް ފުރިހަމަކުުރުމަށްފަހު އަންނަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށެހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑިއަށް ބޭސްލައިން ބަޖެޓް ނުފޮނުވާ އިދާރާތަކުގެ ބަޖެޓުތައް ތައްޔާރުކުރުމުގެ އިހްތިޔާރް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބަޔާނުގައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ބޭސްލައިން ބަޖެޓް ތައްޔާރުކުރާއިރު ވަކި ކަންކަމަށް ބެލުމަށް އަންގާފަ އެވެ. އެގޮތުން މިނިސްޓްރީން ކަނޑައަޅާފައިވާ ބަޖެޓް ސީލިންއަށްވުރެ ބޮޑު ނުވާނެހެން، އަދި ޝާޢިއުކޮށްފައިވާ ސާކިއުލާގައިވާ ބަޖެޓުގެ އަމާޒުތައް ހާސިލްކުރެވޭނެ ގޮތައް ހަރަކާތްތަކާއި މަޝްރޫއުތައް ރޭވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި 2027 އިން 2029 ވަނަ އަހަރަށް ލަފާކުރެވޭ ބަޖެޓް ތައްޔާރުކުރާއިރު، ބޭސްލައިން ބަޖެޓް ހުށަހަޅާނީ އެސްއޭޕީބީޕީސީ މޮޑިއުލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ބަޖެޓުގައި މުވައްޒަފުންނަށް ހިނގާ ހަރަދު ހިމަނަންވާނީ މި މަހުގެ ނިޔަލަށް ހިނގަމުންދާ މަގާމުތަކާއި ހުއްދަ ލިބިފައިވާ މަގާމުތަކަށް އެކަނިކަމަށާއި، އަދި އިތުރު ގަޑީ އާއި އެލަވަންސްތައް ބަޖެޓުކުރަންވާނީ މިހާރުވެސް ހަރަދު ހިނގަމުންދާ ރޭޓުގައި ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އަހަރުގެ ތެރޭގައި ކުރާ ރަސްމީ ދަތުރުތަަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމާއި، އެ ދަތުރުތައްވެސް އެންމެ ހަރަދު ކުޑަ ގޮތަކަށް ޕްލޭންކޮށްގެން ބަޖެޓުގައި ހިމެނުމަށްވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

މީގެއިތުރުން މިނިސްޓްރީން ބުނީ ވަކިވަކި އިދާރާތްތަކުގެ ތެރޭގައި ބާއްވާ އަހަރީ ޖަލްސާ ޖަލްސާ ފަދަ ކަންކަން ބަޖެޓު ނުކުރުމަށެވެ. އަދި މިކަންކަން ކުރާއިރު ވިހާވެސް ހަރަދުކުޑަކޮށް ރޭވުމަށް މިނިސްޓްރީން ވަނީ އިރުޝާދުދީފަ އެވެ.

ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަރާމާތުތަކާއި، އިދާރާ ހިންގުމަށް ކޮންމެހެން ބޭނުންވާ ހަރު މުދާ އެކަނި ބަޖެޓު ކުރުމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ. އަދި އެ އިދާރާ އަކަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކަށް ބަޖެޓު ވަކިވަކިން ބައިކޮށް އަންދާޒާކުރަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މެދުރާސްތާގެ ބަޖެޓުގައި މުހިންމު އަމާޒުތަކެއް ހިމަނާފައިވެ އެވެ. އެއީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން މެދުރާސްތާގައި ކަށަވަރުކުރުމާއި، ދައުލަތުގެ ހަރަދުތައް އެފިޝަންޓްކުރުމާއި، ކުރާ ހަރަދާއި ބައްދަލު ނަތީޖާއެއް ކަށަވަރުކުރުމާއި، ދައުލަތުން ފޯރުކޮށްދޭ އަސާސީ އަދި އިޖުތިމާއީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ދައުލަތުން އިޖުތިމާއީ ރައްކާތެރިކަން ކުރިއަރުވަން ފޯރުކޮށްދޭ އެހީ ދިނުމުގައި މުޖުތަމައުގައި ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދިނުން އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް
ފަހުގެ
HDC