
ބިލެތްފަހީގައި އިމާރާތްކުރާ ކައުންސިލް އިމާރާތް- ފޮޓޯ: ސިޓީތަކާބެހޭ ވުޒާރާ
ކައުންސިލް އިމާރާތްތައް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މުޅި މަޝްރޫއުގެ 66% މަސައްކަތް ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ކައުންސިލުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ކޮންޓްރެކްޓާ ފައިނޭންސިންގް އުސޫލުން އާރުސީސީއާ ހަވާލުކޮށްގެން 55 ކައުންސިލް އިމާރާތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް މައުލޫމާތު ދެމުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އިން ބުނީ މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތުގެ ޖުމްލަ 66% މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެކި އިމާރާތްތަކުގެ އެކި މަސައްކަތްތައް ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތް ތަރައްގީކުރާއިރު، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 50 ކައުންސިލް އިމާރާތެއް ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ.
މި މަޝްރޫއުއާ ގުޅިގެން އެ ވުޒާރާއިން ބުނީ މިހާރު ކުރިއަށްދަނީ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް ފަށާނެ ތާރީހެއް ކަނޑައެޅޭނީ "އިމްޕްލިމެންޓޭޝަން އެގްރީމަންޓު" ގައި ސޮއިކުރުމަށްފަހު ކަމަށް ވުޒާރާއިން ހާމަކުރެ އެވެ.
މީގެތެރެއިން ޗައިނާ ސަރުކާރުގެ އެހީގައި ތަރައްގީކުރާ 50 ކައުންސިލް އިމާރާތަކީ، ޕްރީ-ފެބްރިކޭޓެޑް އިމާރާތައްވާއިރު، މި މަޝްރޫއުއަށް ފަންޑުކުރުމަށް ހަމަޖެހިފައިވަނީ، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސިޑްކާ)ގެ ފަރާތުންނެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން އާ ކައުންސިލް އިމާރާތް އެޅުމަށް ހަމަޖެހިފަވާ ރަށްރަށް މިހާރު ވަނީ ކަނޑައަޅާފަ އެވެ. އަދި މި 105 ކައުންސިލް އިދާރާގެ އިތުރުން ޕީއެސްއައިޕީގެ ދަށުން ސަރުކާރުން ދަނީ، އިތުރު ކައުންސިލް އިދާރާތަކެއްގެ މަސައްކަތްވެސް ކުރަމުންނެވެ.
ސަރުކާރުން ބުނެފައިވަނީ އަލަށް ތަރައްގީކުރާ ކޮންމެ ކައުންސިލް އިމާރާތެއްގައިވެސް 40 މުވައްޒަފުންނަށް މަސައްކަތްކުރާނެ ޖާގަ ހުންނާނެ ކަމަށެވެ. އަދި އާ ކައުންސިލް އިމާރާތްތަކުގައި ޑަބްލިއުޑީސީ އަށް ހާއްސަކޮށްފައިވާ ތަންތަން ހުންނައިރު، ޕާސްޕޯޓާއި އައިޑީ ކާޑު ހެއްދުމުގެ އިންތިޒާމުތައްވެސް ހަމަޖެއްސުމަށް ނިންމާފައިވެ އެވެ. މީގެ އިތުރުން މި އިމާރާތްތަކުގައި ރައްޔިތުންނާއި ބައްދުލުކުރުމަށް ހޯލެއް ގާއިމްކުރާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.




