
ފިލްމު 'ދެވި' ޓީމުގެ ބައެއް ތަރިން
ދިވެހި ފިލްމީ ދާއިރާގައި އެންމެ ފުންނާބު އުސް ބަތަލާ ކަމަށްވާ މަރިޔަމް އައްޒަ އަލަށް ޕްރޮޑިއުސްކޮށް، ޙުސައިން ހާޒިމް (ސޭންޑީ) އަލަށް ޑައިރެކްޓްކުރާ ދިވެހި ފިލްމު 'ދެވި' ގެ ޝޫޓިންގ ނިމިއްޖެއެވެ.

ޙުސައިން ހާޒިމް (ސޭންޑީ) އަދި ޝަހުދާ މަހުމޫދު ލިޔެފައިވާ ވާހަކައެއްގެ މައްޗަށް އުފައްދާ ފީޗަރ ފިލްމު ޔާރާ ޕްރޮޑަކްޝަނުން އުފައްދަނީ ޢަބްދުﷲ މުއާޒް ޕްރޮޑަކްޝަން އަދި ވިޝާޒް ޒަކީ ގުޅިގެންނެވެ. މި ފިލްމުގެ މުހިންމު މަންޒަރުތަކެއް ރ. ފައިނުގައި ނަގާފައިވާއިރު، ފިލްމުގެ ޝޫޓިންގ ގެ ފުރަތަމަ ދުވަސްތަކުގެ ހަނދާންތައް އައްޒަ އަންނަނީ ސޯޝަލް މީޑިއާގައި އާންމުކުރަމުންނެވެ. އަދި އެރަށު ރައްޔިތުންގެ ފަރާތުން ލިބުނު މެހްމާންދާރީ އަށް ޝުކުރުއަދާކޮށްފައި ވެއެވެ.
" ފައިނަށް ފައިބައި ފައިބީއްސާލި ހިސާބުން ފެށިގެން އެ ރަށުގެ ރައްޔިތުންގެ ފަރާތުން ފެނުނީ އާދަޔާ ހިލާފު ހިތްހެޔޮކަމަކާއި އޯގާތެރިކަމެއް.ފައިނުން ލިބުނު މެހެމާންދާރީގެ ސަބަބުން ޝޫޓިންގ ކުރިއަށް ދިޔަ ދުވަސްތަކަކީ ހިތްގައިމު އަދި ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެއް."
މި ފިލްމުގެ ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ އެކްސް ޓްރެވަލްސް އެވެ. ފިލްމުގެ ޓީމުން މިހާރު ތައްޔާރުވަމުންދަނީ ފިލްމުގެ ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތަށެވެ. މި ފިލްމުގައި މަރިޔަމް އައްޒަ، ޝަރަފް ޢަބްދުﷲ، މުޙައްމަދު މަނިކް، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އަޙްމަދު ނިމާލް، އަޙްމަދު ސަޢީދު، ރިޝްމީ ރަމީޒް، އާމިރާ އިސްމާޢީލް، އާމިނަތު ރަޝީދާ (އައިންތު)، އަޙްމަދު ރިޝްވާން، އަޙްމަދު އީސަ (އާނަންދު)، ޢާއިޝަތު ރާއިޝާ އަދި މަލީހާ ވަލީދް (މަލް) ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ލައިޓްސްއައުޓްގެ ސަމާހް އިބްރާހީމް ކެމެރާކޮށްފައިވާ “ދެވި” އޮލިމްޕަހުގައި ރިލީޒްކުރަން ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރު ގައެވެ.



