logoEN
WAMCO TOP 1
ސުކޫކް އަނބުރާ ދެއްކުމަކީ ރާއްޖޭގެ މާލީ ހާލަތަށް އޮތް އިތުބާރު ބޮޑުވެގެންދިޔަ ކަމެއް - މާލީ ވަޒީރު

ސުކޫކް އަނބުރާ ދެއްކުމަކީ ރާއްޖޭގެ މާލީ ހާލަތަށް އޮތް އިތުބާރު ބޮޑުވެގެންދިޔަ ކަމެއް - މާލީ ވަޒީރު

އަހުމަދު ޝުރާއު

logo

7/2/2026, 6:44:18 AM

# މާލީ ވަޒީރު

-

ދައުލަތުން ދޫކޮށްފައިވާ ސޮވެރިން ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ، އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ކުރާ އިތުބާރު ވަރުގަދަވުމަށް މަގުފަހިވި ކަމެއް ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އިންތިޒާމުކޮށްގެން އަލަށް ތަޢާރަފުކުރި "މޯލްޑިވްސް ފައިނޭންޝިއަލް ސެކްޓަރ އެވޯޑްސް" ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސުކޫކް އަނބުރާ ދެއްކުނީ ދުރާލައި ރޭވުނު މާލީ ރޭވުންތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮތް ބަދަހި އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސުކޫކް ދެއްކުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު ދަށްވެފައިވާ ކަމަށާއި، އެ އަދަދު ދަނީ ދުވަހުން ދުވަހަށް ކުޑަވަމުން ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަން ފާހަގަކުރައްވައި، މިއީ އިންވެސްޓަރުންނާއި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުގެ އިތުބާރު ރާއްޖެއަށް އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތުގައި އެމް.އެމް.އޭ އިން ސަރުކާރަށް ދިން އެއްބާރުލުން ވަޒީރު ފާހަގަކުރެއްވިއެވެ. މި ކާމިޔާބީ ހާސިލުކުރުމުގައި އެމް.އެމް.އޭ އިން އަދާކުރި ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ސުކޫކް އަނބުރާ ދެއްކުމުން ދޭހަވަނީ ދައުލަތުގެ މާލީ ޒިންމާތައް އަދާކުރުމާއި ގައުމުގެ އިގްތިސާދީ މަސްލަހަތު ހިމާޔަތްކުރުމުގައި މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ މުހިންމުކަމެވެ. އަދި އިގްތިސާދީ އަދި މާލީ ކަންކަމުގައި މާލީ ވުޒާރާއާއި އެމް.އެމް.އޭ އިން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ގައުމުގެ މާލީ ހަމަޖެހުމާއި ދެމެހެއްޓެނިވި ކުރިއެރުން ކަށަވަރުކުރުމަށްޓަކައި، ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތައް ތަންފީޒުކުރުމުގައި މި ދެ މުއައްސަސާއިން ގުޅިގެން މަސައްކަތްކުރުން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި މި ގުޅުމުގެ ސަބަބުން، ރައްޔިތުންނަށާއި އިގްތިސާދަށް ބުރައަކަށް ނުވާނެހެން ދައުލަތުގެ މާލީ އިލްތިޒާމުތައް ފުރިހަމަކުރުމަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވިއެވެ.

އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، މާލީ ނިޒާމު ވަރުގަދަކޮށް އިގްތިސާދީ ވިލުންވެރިކަން އިތުރުކުރުމަށްޓަކައި އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ވަޒީރު ގޮވާލެއްވިއެވެ. ބައެއް ފަހަރު މާލީ ސިޔާސަތުތައް އެކުލަވައިލުމުގައި އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު ނަމަވެސް، އެއީ ގައުމީ މަސްލަހަތާއި އަންނާން އޮތް ޖީލުތަކުގެ ލާބައަށްޓަކައި ކޮންމެހެން ބޭނުންތެރި ނިންމުންތަކެއް ކަމަށް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، އިގްތިސާދީ ބިންގާ ވަރުގަދަކުރުމަށާއި، މާލީ ވައުދުތައް ފުއްދުމަށްޓަކައި އެމް.އެމް.އޭ އާއި އެހެނިހެން ކަމާބެހޭ ފަރާތްތަކާއެކު ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC