
ހުޅުމާލޭގައި 100 ޓަނުގެ ބޮޑުކަންނެލި ފެކްޓްރީއެއް އަޅަން އަންނަ ހަފްތާގައި ސޮއިކުރަނީ
# ބޮޑު ކަންނެލީގެ މަސްވެރިކަން-
ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ މާލީ އަދި އިދާރީ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގައި 100 ޓަނުގެ ބޮޑުކަންނެލި ފެކްޓްރީއެއް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ބަޔަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފްތާގައި ސޮއިކުރާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މި ބިޔަ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ހުޅުމާލެއިން 25,000 އަކަފޫޓުގެ ބޮޑު ބިމެއް މިހާރު އެއްކޮށް ހަމަޖައްސާފައިވާ ކަމަށެވެ.
ވަޒީރު ޝިޔާމް ހާމަކުރެއްވި ގޮތުގައި، ހުޅުމާލޭގައި މި ފެކްޓްރީ އެޅުމަށް ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ނިންމައި ފާސްކޮށްފައިވަނީ ފާއިތުވި މެއި މަހުގެ ތެރޭގައެވެ. ބޮޑުކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް މިހާރު ދިމާވާ އެންމެ ބޮޑު އެއް ތަކުލީފަކީ ބާނާ މަސް ރާއްޖޭން ބޭރަށް ފޮނުވުމަށްޓަކައި ބޭނުންވާ ފެންވަރު ރަނގަޅު "ޕެކިންގ ފެސިލިޓީ" އެއްގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބުން ކަމަށްވާތީ، ހުޅުމާލޭގައި އަލަށް ޤާއިމުކުރާ މި ޒަމާނީ ފެސިލިޓީއާއެކު މަސްވެރިންގެ މި ބޮޑު ޝަކުވާއަށް ނިމުމެއް އަންނާނެއެވެ.
ބޮޑުކަންނެއްޔަށް ބައިނަލްއަޤްވާމީ ބާޒާރުގައި ރަނގަޅު އަގެއް ހޯދައިދެވޭނީ ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) ގެ އިތުރުން ސީދާ މަސްވެރިންގެ ބައިވެރިވުންވެސް ހިމަނައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ. ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މިފްކޯއިން ބޮޑުކަންނެލި ގަތުން މުޅިން ހުއްޓާލާފައި އޮތް ނަމަވެސް، މިހާރުގެ އަމާޒަކީ މިފްކޯ އަލުން މި ވިޔަފާރީގެ ތެރެއަށް ވައްދައި، ކަންނެއްޔަށް ކުރިން ލިބުނު ފަދަ މަތީ އަގުތަކެއް މަސްވެރިންނަށް އަނބުރާ ހޯދައިދިނުން ކަމަށެވެ.
ކަނޑުއޮތްގިރީގައި މީގެ ކުރިން މިފްކޯއިން ހިންގި ބޮޑުކަންނެލި އެކްސްޕޯޓުކުރުުމުގެ މަސައްކަތްތައް އެއްކޮށް ހުއްޓާލާފައިވަނިކޮށް، މަސްވެރިންގެ ކަންބޮޑުވުންތަކަށް އިޖާބަދެއްވައި ސަރުކާރުން ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އަލުން މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފަށާފައެވެ.
މިހާރު މިފްކޯއިން ބޮޑުކަންނެލި ކިލޯއެއް ގަންނަމުންދާ އެންމެ މަތީ އަގަކީ 25 ރުފިޔާއެވެ.
ހުޅުމާލޭގައި އެޅޭ އައު ފެކްޓްރީއާއެކު، މަސް ރައްކާކުރުމާއި ޕްރޮސެސްކުރުމުގެ ޤާބިލުކަން އިތުރުވެ، ބޮޑުކަންނެލީގެ ސިނާޢަތް މުޅިން އައު މިޞްރާބަކަށް ބަދަލުވެގެންދާނެ ކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ.



