.webp&w=3840&q=75)
ވޯލްޑް ކަޕް ދަނޑުތަކުން ފެށިގެން މަގުމަތީ ކާނުތަކާ ހަމައަށް: ޖަޕާނު މީހުންގެ އާދަޔާޚިލާފު ސާފުކަމުގެ ސިއްރު!
# ޖަޕާން--
ޖަޕާނަކީ އޭޝިއާގެ ދެވަނައަށް އެންމެ ސާފުތާހިރު އެއްގައުމެވެ. ނަމަވެސް، މިއީ ހަމައެކަނި ހަރުކަށި ގާނޫނުތަކެއްގެ ސަބަބުން ވާކަމެއް ނޫނެވެ. ސާފުތާހިރުކަމަކީ ޖަޕާނު މީހުންގެ ލޭގައި ގައި ހަރުލާފައިވާ ވަރަށް މުހިންމު ސިފައެކެވެ.

ދާދިފަހުން އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި ބޭއްވުނު 2026 ގެ ފީފާ ވޯލްޑް ކަޕްގައި ނެދަލޭންޑްސްއާ ވާދަކޮށް 2-2 އިން މެޗު އެއްވަރުވުމުން ވެސް، ޖަޕާނުގެ ސަޕޯޓަރުން ވަނީ މުޅި ސްޓޭޑިއަމްގެ ކުނިތައް ހޮވައި ސާފުކޮށްފައެވެ.

އަދި ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި ޖަޕާނުގެ ގައުމީ ޓީމުން ވަނީ މެޗަށްފަހު އެމީހުން ބޭނުންކުރި ޗޭންޖިންގް ރޫމްވެސް ވަރަށް ރީތިކޮށް ސާފުކޮށްފައެވެ. މިއީ އެމީހުން ބޭރު ގައުމެއްގައި ވިޔަސް،ސާފުތާހިރުކަމަށް ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި އާދައެއް އަށަގަތުމަށް 18 ދުވަހާއި 254 ދުވަހާ ދެމެދުގެ މުއްދަތެއް ނަގައެވެ. ޖަޕާނުގައި ޕްރައިމަރީ ސުކޫލުން ފެށިގެން ހައި ސުކޫލާ ހަމައަށް ކޮންމެ ދުވަހެއްގެ ތާވަލުގައި ސުކޫލު ސާފުކުރުމުގެ ވަގުތު ހިމެނެއެވެ. ކުދިންގެ ޖިންސަށް ބެލުމެއްނެތް ގޮތަށް، ގޭގައާއި ސުކޫލުގައި އަމިއްލައަށް ސާފުކުރަން ދަސްކޮށްދިނުމުގެ ސަބަބުން، ބޮޑެތިވާއިރު ކުނި އެޅުމަކީ އެމީހުންގެ ތަބީއަތާ މުޅިން ޚިލާފު ކަމަކަށް ބަދަލުވެއެވެ.
ޖަޕާނުގެ ސާފުތާހިރުކަމުގެ ފަހަތުގައި އެމީހުންގެ ދީނީ އަގީދާތައްވެސް އެކުލެވިގެންވެއެވެ. 6 ވަނަ ގަރުނާއި 8 ވަނަ ގަރުނާ ދެމެދު ބުދިޒަމް ތައާރަފްވިއިރު، ތަންތަން ސާފުކޮށް ބެހެއްޓުމަކީ ރޫހާނީ ގޮތުން ހިތް ސާފުކުރުމާއި މެޑިޓޭޝަންގެ ބައެއްގެ ގޮތުގައި ގަބޫލުކުރެވުނެވެ. އެހެންކަމުން އަޅުކަންކުރާ ތަންތަނަށް ވަނުމުގެ ކުރިން އަނގަޔާއި އަތް ދޮވުމަކީ އެމީހުންގެ އާދައެކެވެ.
ޖަޕާނުގެ ސާފުތާހިރުކަމުގެ އެންމެ އާދަޔާޚިލާފު އެއް މިސާލަކީ ގަޑިއަކު 275 އިން 320 ކިލޯމީޓަރުގެ ބާރުމިނުގައި ދުވާ ބުލެޓް ރޭލު ސާފުކުރުމެވެ. ރޭލު ސްޓޭޝަނަށް މަޑުކޮށްލާ ވަގުތު، 2 މުވައްޒަފުންގެ ޓީމަކުން އެއްވެސް ލަސްކަމެއް ނެތް ގޮތަށް، 16 ކެރޭޖާއި ގާތްގަނޑަކަށް 1000 ގޮނޑި ހިމެނޭ މުޅި ރޭލު އެންމެ 7 މިނިޓް ތެރޭގައި އެއްކޮށް ސާފުކޮށް ނިންމާލައެވެ. ދުނިޔޭގައި މިއަށް ކިޔަނީ "ސެވަން މިނިޓް މިރަކަލް" އެވެ.
މަޝްހޫރު ބައެއް އިންފްލުއެންސަރުން ވަނީ ޗެލެންޖަކަށް ހުދު އިސްޓާކީނު ލައިގެން، ފައިވާނާ ނުލައި ޖަޕާނުގެ މަގުތަކުގައި އެތައް ގަޑިއިރެއް ވަންދެން ހިނގައިފައިއެވެ. ނަމަވެސް ނަތީޖާއަކީ ހިނގާ ނިމުނުއިރު ވެސް އިސްޓާކީނުގައި އެއްވެސް ކަޅުކަމެއް ނުވަތަ ހިރަފުހެއް ނެތުމެވެ.
އަދި އެންމެ ހައިރާންކުރުވަނިވި ކަމަކީ، ނަގަސާކީގެ "ޝިމަބާރާ" ސިޓީގެ މަގުމަތީގައި ހުންނަ ހުޅުވާލެވިފައިވާ ކުނި ފެން ދައުރުވާ ކާނުތަކުގައި، ކުލަކުލައިގެ ރީތި ކޮއި މަސް ދިރިއުޅެމުންދިއުމެވެ. މަސްތަކާ ބެހޭ މާހިރުން ބުނާގޮތުގައި، ކޮއި މަހަށް ދިރިއުޅެވޭނީ އެންމެ ސާފު، އޮކްސިޖަން ގިނައިން އެކުލެވޭ ފެނުގައެވެ. މިއިންވެސް އެނގެނީ ޖަޕާނުގެ މަގުމަތިން ދައުރުކުރާ ފެނަކީ ވެސް ކިހާ ސާފު ފެނެއް ކަމެވެ.
ޖަޕާނު މީހުންނަށް ސާފުތާހިރުކަމަކީ ހަމައެކަނި ދައްކާލުމެއް ނޫނެވެ. އެއީ އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއެވެ.
ގުޅުންހުރި

ތޫފާން 'ޑޮލްފިން' ޖަޕާނުގެ އޮކިނާވާ އަށް އަރައި ބޮޑެތި ގެއްލުންތަކެއް؛ ތޫފާނުގެ މިސްރާބު މިހާރު ހުރީ ޗައިނާއަށް!

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޖަޕާނުން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް 1 މިލިއަން ޑޮލަރ
.webp&w=3840&q=75)



