logoEN
WAMCO TOP 1
އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް!

އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް!

އަހުމަދު ޝުރާއު

logo

6/12/2026, 4:28:27 PM

# އެލޮން މަސްކް

-

އެމެރިކާގެ މަޝްހޫރު ޖައްވީ ކުންފުނި "ސްޕޭސްއެކްސް" އެމެރިކާގެ ހިއްސާގެ ބާޒާރަށް (ވޯލް ސްޓްރީޓް) ނެރެ، އާންމުކޮށް ހިއްސާ ވިއްކަން ފެށުމާއެކު އެ ކުންފުނީގެ މާކެޓް ވެލިއު ނުވަތަ ޖުމްލަ އަގު 2 ޓްރިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރައި ތާރީޚީ ރެކޯޑެއް ހަދައިފިއެވެ.

THE TRAVELLER AD

މި ބޮޑު ކުރިއެރުމާއެކު، އެ ކުންފުނީގެ ހިއްސާގެ ބޮޑުބައެއް ހިއްސާކުރާ ސީއީއޯ އީލޮން މަސްކް ވެގެންގޮސްފައިވަނީ މުޅި ދުނިޔޭގެ ތާރީޚުގައިވެސް އުފެދުނު ފުރަތަމަ ޓްރިލިއަނަރަށެވެ.

ނާސްޑާކް އެކްސްޗޭންޖުގައި މިއަދު ސްޕޭސްއެކްސްގެ ހިއްސާގެ ވިޔަފާރި ފެށިގެންދިޔައީ ހިއްސާއެއް 150 ޑޮލަރުގެ ރޭޓުންނެވެ. މިއީ އެ ކުންފުނިން އެންމެ ފުރަތަމަ އައިޕީއޯ އެއްގެ ގޮތުގައި ނެރުނު އަގަށްވުރެ 6.6 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު ކުންފުނީގެ އަގު 1.96 ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު، ސްޕޭސްއެކްސް މިވަނީ އެމެރިކާގައި އޮތް 6 ވަނައަށް އެންމެ ބޮޑު ކުންފުންޏަށް ވެފައި އެވެ.

ސްޕޭސްއެކްސްއިން ބާޒާރަށް ނެރުނު 75 ބިލިއަން ޑޮލަރުގެ ހިއްސާ ގަތުމަށް ބައިނަލްއަޤްވާމީ ބޮޑެތި އިންވެސްޓަރުން ވަނީ ވަރަށް ބޮޑަށް ވާދަކޮށްފައެވެ. ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި، ކުންފުނިން އުންމީދު ކުރިވަރަށްވުރެ ހަތަރު ގުނަ އިތުރަށް ހިއްސާ ގަތުމަށް މީހުން ވަނީ ހުށަހަޅާފައެވެ.

ބްލޫމްބާގް ނިއުސްއިން ބުނާގޮތުގައި، މީގެތެރެއިން 70 އިންސައްތަ ހިއްސާ ގަނެފައިވަނީ ދިގުމުއްދަތަކަށް އިންވެސްޓްކުރާ ބޮޑެތި ފަންޑުތަކާއި، ސައުދީ އަރަބިއްޔާ އަދި ކުވެއިތުގެ ސަރުކާރުގެ ސަވަރިން ފަންޑުތަކުންނެވެ.

މި ތާރީޚީ ފެށުން ފާހަގަކުރުމުގެ ގޮތުން ސްޕޭސްއެކްސްގެ ރައީސް ގްވީން ޝޮޓްވެލް އަދި ސީއެފްއޯ ބްރެޓް ޖޯންސަން ވަނީ ނިއުޔޯކް ސިޓީގައި ހުންނަ ނާސްޑާކް މާކެޓްސައިޓުގެ ރަސްމީ ރަނގަބީލު މިއަދު ހެނދުނު ޖައްސަވައިދެއްވާފައެވެ. ނަމަވެސް، ހިއްސާ ގަންނަން ބޭނުންވި މީހުން ގިނަކަމުންނާއި ޑިމާންޑް ބެލެންސްކުރުމުގެ ގޮތުން، ބާޒާރު ހުޅުވުނުތާ ގިނަ ގަޑިއިރުތަކެއް ފަހުން މެންދުރުގެ ވަގުތެއްގައި ނޫނީ ހިއްސާގެ އަމަލީ ވިޔަފާރި އެއްކޮށް ކުރިއަކަށް ނުދެއެވެ.

ވިޔަފާރީގެ ގޮތުން ބޮޑު ކާމިޔާބީއެއް ހޯދި ނަމަވެސް، މި އައިޕީއޯއާ ދިމާކޮށް ބައެއް ހަމަނުޖެހުންތައްވެސް ވަނީ ހިނގާފައެވެ. އެގޮތުން ސްޕޭސްއެކްސްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ އެކްސްއޭއައި އިން އުފައްދާފައިވާ ގްރޮކް ސޮފްޓްވެއަރ ބޭނުންކޮށްގެން، އަންހެނުންގެ ހުއްދައާ ނުލައި އެމީހުންގެ ބަރަހަނާ ޑީޕްފޭކް ފޮޓޯ އުފެއްދުމަށް ފުރުޞަތުދޭ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނާސްޑާކް އިމާރާތް ކުރިމަތީގައި އިއްޔެއާއި މިއަދު ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC