
-
"އެމްވީ ކްރައިސިސް" ގެ ނަމުގައި ހިންގާ ސޯޝަލް މީޑިއާ ޕޭޖްތަކަކީ މަޝްހޫރު އެކްޓިވިސްޓް އަޙްމަދު އަޝްރަފް (ޝުންބާ ގޮންގް) ހިންގާ އެކައުންޓްތަކެއްކަން ކޯޓަށް ސާބިތުކޮށްނުދެވުމުގެ ސަބަބުން، އޭނާގެ މައްޗަށް ކުރި އަބުރުގެ ދަޢުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައަކީ ޢަބްދުﷲ މަޙްޒޫމް މާޖިދުގެ ފޮޓޯއާއި ނަން ބޭނުންކޮށްގެން، އޭނާއާ ބެހޭގޮތުން ހަގީގަތާ ޚިލާފު ދޮގު މަޢުލޫމާތު ފެތުރި ކަމަށް ބުނެ، އަބުރުގެ ބަދަލު ހޯދުމަށް އަޙްމަދު އަޝްރަފްގެ މައްޗަށް އުފުލި ދަޢުވާއެކެވެ.
މަޙްޒޫމްގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެމްވީ ކްރައިސިސް އަކީ އަޝްރަފް ސިއްރިއްޔާތުގައި ހިންގާ ޕޭޖެއް ކަމަށާއި، އެ ޕޭޖުން ކުރި ބަދުނާމު ޕޯސްޓެއްގެ ސަބަބުން އޭނާގެ އަގުވެއްޓި މުޖުތަމައުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ނަމަވެސް، މި މައްސަލައިގައި ޤާޟީ އަޙްމަދު ޢަބްދުލްމަތީން އިއްވެވި ޙުކުމުގައި ބަޔާންކޮށްފައިވަނީ، އެމްވީ ކްރައިސިސް ޕޭޖަކީ ސީދާ އަޙްމަދު އަޝްރަފް ކޮންޓްރޯލްކޮށް ހިންގާ ޕޭޖެއްކަން މަދަނީ މިންގަނޑުން ސާބިތުކޮށްދިނުމަށް ދަޢުވާކުރާ ފަރާތުން ހުށަހެޅި ހެކިތަކުގައި އެއްވެސް ބަރުދަނެއް ނެތް ކަމަށެވެ. އަދި އަޝްރަފްގެ މީސްމީޑިއާ ރަސްމީ ހޭންޑްލް އެއް ކަމަށް ބުނާ "ShumbaGong" އެކައުންޓަކީވެސް ސީދާ އޭނާއާ ގާނޫނީ ގޮތުން ގުޅުން އޮތް އެކައުންޓެއްކަން ސާބިތުކުރުމަށް ހުށަހެޅި ކަންކަމަކީ ޤާނޫނީ މިންގަނޑަށް ބަލާއިރު ބަލިކަށި އަދި ކާފީ ނޫން ހެކިތަކެއް ކަމަށް ކޯޓުގެ ޙުކުމުގައި ވަނީ ފާހަގަކޮށްފައެވެ.
ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ފަހަތުގައި ހުންނަނީ ކޮން ފަރާތެއްކަން ކަށަވަރުކުރުމަށް ޑިޖިޓަލް ފޮރެންސިކް ހެކި ބޭނުންވާއިރު، މި މައްސަލައިގައި އެފަދަ ވަރުގަދަ ހެއްކެއް ދެއްކިފައެއް ނުވެއެވެ.
އަޙްމަދު އަޝްރަފްގެ ޣައިރު ޙާޟިރުގައި ކޯޓުން ކުރި މި ޙުކުމުގައި ސާފުކޮށް ކަނޑައަޅާފައިވަނީ، އެމްވީ ކްރައިސިސް ހިންގަނީ އަޝްރަފްކަން ކޯޓަށް ކަށަވަރުކޮށްނުދެވޭތީ، މަޙްޒޫމްގެ އަބުރާ ބެހުމުގެ އެއްވެސް ޢަމަލެއް އަޝްރަފް ކުރިކަން މި މައްސަލައިގެ ތެރެއިން ގާނޫނީގޮތުން ސާބިތުނުވާ ކަމަށެވެ.
އެހެންކަމުން، ދަޢުވާކުރާ ފަރާތުން ބަދަލުގެ ގޮތުގައި ހޯދަން އެދުނު އެއްވެސް ފައިސާއެއް ނުވަތަ އަބުރުގެ ބަދަލެއް ނަގައިދެވެން ނެތް ކަމަށް ނިންމައި ސިވިލް ކޯޓުން ވަނީ މި މައްސަލަ އެއްކޮށް ނިންމާލާފައެވެ.



