
މައުލޫމާތު ލިބިގަތުމަކީ ހާމަކަންބޮޑު، ޒިންމާދާރު ސަރުކާރެއްގެ އެންމެ ބޮޑު ތަނބު - ރައީސް
# ރައީސް މުއިއްޒު-
މަޢުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ ހުރިހާ ވުޒާރާތަކުން އިސްވެ މަޢުލޫމާތު ހާމަކޮށް، އެ ޤާނޫނު ފުރިހަމައަށް ތަންފީޒުކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގެ އެކްސް މަންސައިގައި މިއަދު ހިއްސާކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަޢުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނު 2014 ވަނަ އަހަރު ވުޖޫދުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ހުރިހާ ވުޒާރާތަކުން އަމިއްލައަށް އިސްނަގައިގެން މައުލޫމާތު އާންމުކުރަންޖެހޭ މިންގަނޑަށް ސައްތައިންސައްތަ (100%) ޢަމަލުކުރި ފުރަތަމަ ފަހަރަކީ މިއީކަން ޝަރަފުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިން އާންމުނުކުރާ ވަރަށް ގިނަ މުހިންމު މަޢުލޫމާތުތައް މިހާރު ހާމަކުރެވިފައިވާ ކަމަށާއި، މިއީ ހާމަކަންބޮޑު ވެއްޓެއް ޤާއިމްކޮށް ދައުލަތުގެ އިދާރާތައް ޒިންމާދާރުކުރުވުމުގައި ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ޓްރާންސްޕޭރަންސީ ނުވަތަ ހާމަކަން ބޮޑުކުރުމަކީ ހަމައެކަނި ސިޔާސަތެއް ނޫނެވެ. އެއީ ރައްޔިތުންގެ އިތުބާރާއި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމުގެ މައިގަނޑު އަސާސެވެ. އަދި މަޢުލޫމާތު ލިބިގަތުމުގެ ފުރުޞަތަކީ ޒިންމާދާރު، ރައްޔިތުންނާއި ގުޅިފައިވާ ސަރުކާރެއްގެ އެންމެ ވަރުގަދަ ތަނބު ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މި ބޮޑު ކާމިޔާބީއަށް ވާޞިލުވުމުގައި ރެއާއި ދުވާލު ބުރަކޮށް މަސައްކަތްކުރެއްވި ދައުލަތުގެ އެންމެހާ އިދާރާތަކަށާއި މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުހަބާ ވިދާޅުވެފައެވެ. މީގެ އިތުރުން، ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ތެރެއިން އާންމުންނަށް ބޭނުންވާ މަޢުލޫމާތު ލިބޭނެ މަގުތައް އިތުރަށް ފުޅާކުރުމަށާއި، ވެރިކަން ހިންގުމުގެ ނިންމުންތަކުގައި މަދަނީ މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ޖަވާބުދާރީވުމާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަކީ މި ސަރުކާރުން އަބަދުވެސް އެންމެ އިސްކަންދޭނެ ކަންކަން ކަމަށް ވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނާ ގުޅިފައިވާ ހާމަކަންބޮޑު ސަރުކާރެއް ހިންގެވުމުގައި ދެމިހުންނަވާނެ ކަމުގެ އަޒުމް އާކުރައްވާފައެވެ.
ގުޅުންހުރި

މިއީ ޒުވާނުން ބިނާކުރުމާ ގުޅޭ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު: ރައީސް

މައުލޫމާތު ލިބިގަތުމަކީ ހާމަކަންބޮޑު، ޒިންމާދާރު ސަރުކާރެއްގެ އެންމެ ބޮޑު ތަނބު - ރައީސް




