
ތިމާވެށި ހިމާޔަތްކުރަން ގްރީން ފަންޑުން އަހަރަކު 7 މިލިއަން ރުފިޔާ ޚަރަދުކުރަން ރައީސް ނިންމަވައިފި
# ރައީސް މުއިއްޒު-
ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ކޮންމެ އަހަރަކު ހަތެއް މިލިއަން ރުފިޔާ މޯލްޑިވްސް ގްރީން ފަންޑުން ޚަރަދު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވަމުން ވިދާޅުވީ، މިއަދަކީ ވަށައިގެންވާ ތިމާވެށްޓާމެދު ފުންކޮށް ވިސްނައި، އަންނަން އޮތް ޖީލުތަކަށް މި ނާޒުކު ތިމާވެށި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ޢަޒުމު ވަރުގަދަކުރަންވީ ދުވަސް ކަމަށެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ މާލީ ވަސީލަތްތައް ނުލިބުންކަން ފާހަގަކުރައްވައި، ގްރީން ފަންޑުން ކަނޑައެޅި މި ފައިސާއަކީ ކޮންމެ އަހަރަކު ތިމާވެށީގެ ދާއިރާއަށް ދޭ އާންމު ބަޖެޓުގެ އިތުރުން ޚަރަދުކުރާނޭ ފައިސާކަމަށް ރައީސް ވިދާޅުވިއެވެ.
މި ފައިސާ މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ:
- ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި އެތަންތަނުގެ ދިރުންތައް މޮނިޓަރކޮށް ބެލެހެއްޓުމަށް.
- ތިމާވެށީގެ ދިރާސާތައް ކުރުމަށާއި، މި ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް.
- މަދަނީ ޖަމްޢިއްޔާތަކާއި، ސްކޫލުތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން ހޭލުންތެރިކަމުގެ ޕުރޮގުރާމުތައް ހިންގުމަށް.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި، މި ބަދަލާއެކު ތިމާވެށީގެ ދުރުރާސްތާގެ މަޝްރޫޢުތައް އެކުލަވައިލައި ތަންފީޒުކުރުމަށް މަގު ފަހިވެ، އޭގެ ފައިދާ މުސްތަޤުބަލަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މި އަހަރުގެ ޝިޢާރުކަމަށްވާ "އަ ގްލޯބަލް ކޯލް ފޯރ ކްލައިމެޓް އެކްޝަން" އަކީ ރާއްޖެފަދަ ޖަޒީރާ ޤައުމުތަކުގެ ކަންބޮޑުވުންތަކާ ނުހަނު ގުޅިފައިވާ ޝިޢާރެއްކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކާ ދެކޮޅަށް ޢަމަލީ ގޮތުން މަސައްކަތް ކުރުމަށް ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނައުމަށް ރައީސް ވަނީ އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
ގުޅުންހުރި

މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތަކީ ހުރިހާ ޤައުމަކަށް އެއް ހަމައެއްގައި އޮންނަން ޖެހޭ ޙައްޤެއް: ރައީސް

މިނިވަންކަމުގެ ހަގީގީ އިހުސާސް ކުރެވޭނީ އެކި ގޮތްގޮތުން ޤައުމަށް މިނިވަންކަން ލިބިގެން: ރައީސް

ރައީސް، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފި




