
ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާއިން ޖަޕާނާއިއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި
# ރާއްޖެ - ޖަޕާން-
ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށާއި އިޖުތިމާޢީ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ޖަޕާނު ސަރުކާރާއެކު މިހާރުވެސް ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރެވޭނެ އައު ދާއިރާތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތު ގީލާ ޢަލީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއާ ބައްދަލުކުރައްވައި މިއަދު މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޚާއްޞަ ސަމާލުކަމެއް ދީގެން މަޝްވަރާކުރެވުނު މުހިންމު ދާއިރާތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމުގެ ނިޒާމު ހަރުދަނާކުރުމާއި، ދުޅަހެޔޮކަމާއެކު އުމުރުން ދުވަސްވުމަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުން ހިމެނެއެވެ.
މީގެ އިތުރުން ރަށްރަށުގައި ދެވޭ އަސާސީ ޞިއްޙީ ޚިދުމަތްތައް ނުވަތަ ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު މިހާރަށްވުރެ ވަރުގަދަކުރުމާ ގުޅޭގޮތުންނާއި، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ގީލާ ޢަލީ ވަނީ، ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖޭގެ ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާ ކުރިއެރުވުމުގައި ވަރަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެމުންދާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ.
އަދި ރާއްޖޭގެ ޤައުމީ ފެންވަރުގައި މިފަދަ ނިޒާމުތައް ވަރުގަދަކުރުމަށް ޖަޕާނުން ދެމުންދާ ދިގު މުއްދަތުގެ އެހީތެރިކަމަށްޓަކައި ޖަޕާނު ސަރުކާރަށާއި ސަފީރަށް ޝުކުރު އަދާކުރެއްވިއެވެ.
ގުޅުންހުރި

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޖަޕާނުން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް 1 މިލިއަން ޑޮލަރ

ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް "ޖާޓާ" އާއެކު މުހިންމު މަޝްވަރާތަކެއް!




