
ކެންޔާ އަންހެން ކުދިންގެ ބޯޑިން ސްކޫލެއްގައި ރޯވެ 16 ކުދިން މަރުވި މައްސަލަ: 8 ދަރިވަރަކު ހައްޔަރުކޮށްފި
# ކެންޔާ-
ކެންޔާގެ އަންހެން ކުދިން ކިޔަވާ ބޯޑިން ސްކޫލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 16 ދަރިވަރަކު މަރުވެ، 79 ކުދިން ޒަހަމްވި މައްސަލާގައި، ގަސްތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި އެ ސްކޫލުގެ 8 އަންހެން ދަރިވަރަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ކެންޔާގެ ހުޅަނގު މެދުތެރޭގައި ހުންނަ ގިލްގިލް ސަރަހައްދުގެ "އުތުމިޝީ ގާލްސް އެކަޑެމީ ސީނިއާ ސްކޫލް" ގައި ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ކެންޔާގެ ޑިރެކްޓަރޭޓް އޮފް ކްރިމިނަލް އިންވެސްޓިގޭޝަނުން ހާމަކުރި ގޮތުގައި، އިބްތިދާއީ ތަހުގީގުން އެނގޭ ގޮތުގައި މި އަލިފާނުގެ ހާދިސާއަކީ ދުރާލާ ރާވައިގެން ހިންގާފައިވާ އަމަލެކެވެ. އަދި މިކަން ރޭވުމާއި ހިންގުމުގައި އިސްކޮށް އުޅުނު ކަމަށް ބެލެވޭ 8 އަންހެން ކުދިން ފާހަގަކުރެވިގެން މިހާރު ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފައެވެ.
ކެންޔާގެ އެޑިއުކޭޝަން މިނިސްޓަރު ޖޫލިއަސް އޮގަމްބާ ވިދާޅުވީ، ދަރިވަރުން ސްކޫލުގައި ރޯކޮށްލަން އުޅޭކަމުގެ މައުލޫމާތު އެ ސްކޫލުގެ ދެ ޓީޗަރަކަށް ކުރިން ލިބުނު ކަމަށެވެ. ނަމަވެސް އެކަން ހުއްޓުވުމަށް އެ ދެ ޓީޗަރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ތަހުގީގަށް ވަނީ އެނގިފައެވެ. މީގެ އިތުރުން، ސްކޫލުގެ ކޮޓަރިތަކުގައި ކުދިން ގިނަވެ ތޮއްޖެހިފައި އޮތުމާއި، ކުއްލި ހާލަތްތަކުގައި ނިކުންނަން ހުންނަ ދޮރު ތަޅުލާފައި ހުރުމުގެ ސަބަބުން، ސްކޫލުން ސަލާމަތީ މިންގަނޑުތަކަށް އަމަލުކޮށްފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ހާދިސާއާ ގުޅިގެން ކެންޔާ ސަރުކާރުން ވަނީ އެ ސްކޫލުގެ ބޯޑު ވަގުތުން އުވާލާފައެވެ. އަދި ޒިންމާާދާރުކަން ކުޑަކޮށް، އިހުމާލުވި ހުރިހާ މުވައްޒަފުންނާ މެދު ގާނޫނީ ގޮތުންނާއި އިދާރީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އަލިފާން ރޯވި ވަގުތުން ފެށިގެން ސްކޫލް ސަރަހައްދަށް އެއްވެފައި ތިބި ބެލެނިވެރިން ވަނީ، އެކަށީގެންވާ މައުލޫމާތު ކުރިން ނުލިބުމުގެ ސަބަބުން ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ބައެއް ބެލެނިވެރިންނަށް އެކުދިންގެ ދަރިން އެއްގޮތަކަށްވެސް ފެނިފައިނުވާއިރު، އަނެއްބައި ބެލެނިވެރިންގެ ކުދިން އަދިވެސް ތިބީ ތަހުގީގަށް ސުވާލުކުރުމަށް ސްކޫލް އެތެރޭގައެވެ.
ކެންޔާގެ ބޯޑިން ސްކޫލްތަކުގައި ގަސްތުގައި ރޯކުރުމުގެ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރު ޕްރައިމަރީ ބޯޑިން ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 21 ކުދިން މަރުވިއިރު، 2001 ވަނަ އަހަރު ސެކަންޑަރީ ސްކޫލެއްގައި ރޯކޮށްލައިގެން 67 ފިރިހެން ކުދިން ވަނީ މަރުވެފައެވެ.



