
-
ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތު 2027 ވަނަ އަހަރު ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު މަހްލޫފް ޚާއްޞަ މަޝްވަރާތަކެއް ބާއްވަވައިފިއެވެ.

ސަފީރު މަހްލޫފް މި މަޝްވަރާތައް ކުރިއަށްގެންދެވީ ޖަޕާނުގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ (House of Representatives) ގެ ދެ މެންބަރުން ކަމަށްވާ ހޮނަރަބަލް ޔޮޝިޓާކާ ޝިންޑޯ އަދި ހޮނަރަބަލް ޔޫކޯ އޮބޫޗީއާ އެކު ބޭއްވެވި އިޙްތިރާމްގެ ޒިޔާރަތެއްގައެވެ. މި ދެ ބޭފުޅުންނަކީ ޖަޕާން-މޯލްޑިވްސް ޕާލިމެންޓަރީ ފްރެންޑްޝިޕް ލީގުގެ ރައީސް އަދި ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ފުރުއްވަމުންދާ، ރާއްޖޭގެ ވަރަށް ގާތް ދެ މިތުރުންނެވެ.
"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ސަފީރު މަހްލޫފް ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ބައިލެޓްރަލް ޕާޓްނަރޝިޕްގެ މައްޗަށް އަލިއަޅުވާލައި، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ފުޅާދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނު ކަމަށެވެ. މީގެ އިތުރުން، ދެ ބޭފުޅުންނަކީ ވެސް ރާއްޖެއާއި ޖަޕާނުގެ ގުޅުން ބަދަހިކުރުމަށް އަބަދުވެސް ވަރަށް ބޮޑަށް ވަކާލާތުކުރައްވައި، އެހީތެރިކަން ފޯރުކޮށްދެއްވާ ދެ ބޭފުޅުންކަން މަހްލޫފް ފާހަގަކުރެއްވިއެވެ.
2027 ވަނަ އަހަރަކީ ރާއްޖެއާއި ޖަޕާނުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރަށް ވާއިރު، މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ގުޅުން އާ ހިސާބަކަށް މަތިވެ، ތަރައްޤީގެ އެކި ދާއިރާތަކުން ޖަޕާނުގެ އެހީތެރިކަމާއި އެއްބާރުލުން އިތުރަށް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ގުޅުންހުރި

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޖަޕާނުން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް 1 މިލިއަން ޑޮލަރ

ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް "ޖާޓާ" އާއެކު މުހިންމު މަޝްވަރާތަކެއް!




