
ތިން ރައީސުންގެ އިއްތިހާދުގެ ނަމަކީ ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓް!
# ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓްކުރީގެ ތިން ރައީސުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން :- ފޮޓޯ | އަހުމަދު ޝުރާއު
ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމަށާއި ސަރުކާރު ބަދަލުކުރުމުގެ މަސައްކަތަށް ކުރީގެ ތިން ރައީސުން އެކުގައި ކުރަމުންދާ މަސައްކަތަށް "ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓް" (ޔޫޑީއެފް) ގެ ނަމުން ނަން ދީފައިވާކަން ހާމަވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު އުފެއްދި މި އިއްތިހާދަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގުޅިވަޑައިގެން ސިޔާސީ ގޮތުން އެޅުއްވި ބޮޑު ފިޔަވަޅެކެވެ.
މި އިއްތިހާދުގެ ނަން ހާމަކުރައްވައި އިއްތިހާދުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިރޭ ހިންނަވަރުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހް ވިދާޅުވީ، ތިން ބޭފުޅުންވެސް މިވަގުތު އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަންވީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ކަމަށެވެ. އަދި މިހާރުގެ ސަރުކާރު ބަދަލުކުރުމަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މި ފްރަންޓުގެ މައިގަނޑު ބޭނުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓް" ގެ ދަށުން ކުރިއަށްގެންދާ އިދިކޮޅު ހަރަކާތުގައި މިވަގުތަށް އެންމެ ބޮޑަށް އެއްބަސްވެފައިވަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމުގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަން އަނބުރާ އިޢާދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށެވެ.
މި ތިން ބޭފުޅުން ބޭއްވި ފުރަތަމަ ރަސްމީ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، އެބޭފުޅުންގެ ވެރިކަންތަކަކީވެސް މުޅިން ފުރިހަމަ ވެރިކަންތަކެއް ނޫންކަން ޤަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، މިހާރު މިއޮތް ސަރުކާރުގެ ކަންކަން މާ ބޮޑަށް ގޯސްވެފައިވާތީ، ޤައުމީ މަސްލަހަތަށްޓަކައި އެކުގައި މަސައްކަތް ކުރަން މަޖުބޫރުވީ ކަމަށް ތިން ރައީސުންވެސް ވަނީ ހާމަކުރައްވާފައެވެ.



