
ގައުމީ ގުރުއާން މުބާރާތުގެ އޮޑިޝަނަށް ބޮޑު ތަރުހީބެއް: 3،000 އަށްވުރެ ގިނަ ބައިވެރިން ފޯމު ހުށަހަޅައިފި
# ޤައުމީ ޤުރުއާން މުބާރާތް-
ގިނަ ބަދަލުތަކަކާއެކު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުސަތު ރޭ ދަންވަރު 12:00 އަށް ހަމަވިއިރު، މުބާރާތުގައި ބައިވެރިވުމަށް 3،053 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުނެފިއެވެ.

ގުރުއާނާ ބެހޭ މަރުކަޒުން މައުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ މުބާރާތް ކުރިއަށް މިގެންދަނީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ، މުބާރާތުގެ ވާދަވެރިކަމާއި ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ މަގްސަދުގައި ގެނައި ބޮޑު ބަދަލުތަކަކާއެކުގައެވެ. އެގޮތުން ގެނައި އެންމެ ބޮޑު ބަދަލަކީ، އުމުރުން 26 އަހަރު ނުފުރޭ، ޝަރުތުހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށްމެ ފަރުދީ ގޮތުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމެވެ.
މިއަހަރުން ފެށިގެން މުބާރާތް ކުރިއަށްދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެއީ އޮޑިޝަން ބުރާއި، ސެމީ ފައިނަލް އަދި ފައިނަލް ބުރެވެ. މުބާރާތުގެ އޮޑިޝަންތައް ކުރިއަށްދާނީ ގުރުއާނާ ބެހޭ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގައެވެ. އަދި ބައިވެރިންނަށް ފޯމު ހުށަހަޅާއިރު ހާޒިރުވާން އެންމެ ފަސޭހަ ރަށެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި މުބާރާތުގެ ސެމީ ފައިނަލް ބުރަށް ހޮވޭނީ އޮޑިޝަނުގެ ކޮންމެ ކެޓަގަރީއަކުން 80 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 500 ބައިވެރިންނެވެ. އަދި ފައިނަލް ބުރަށް ކޮލިފައިވާނީ ސެމީ ފައިނަލުގެ ކޮންމެ ކެޓަގަރީއަކުން 85 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ.
މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ފައިނަލް ބުރުގައި ވާދަކުރުމަށް އަތޮޅުތަކުން މާލެ އަންނަ ބައިވެރިންނަށް ޚާއްސަ އެލަވަންސެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ. ހާފިޘުންގެ ބައިގެ އިތުރުން 8 އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލް ބުރުން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފިތަކުން ވަނަތައް ހޮވާނެއެވެ. އަދި މުޅި މުބާރާތުން ދެ ގޮފިންނާއި ހާފިޘުންގެ ބައިން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމު ލިބިގެންދާނެއެވެ.



