
ޖަޕާނާއިއެކު ފަންނާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި
# ފަންނާއި ބެހޭ ވުޒާރާ-
ދިވެހިރާއްޖެއަށް ޖަޕާނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލަންސީ އިޝިގާމީ ރުމީކޯ ފަންނާއި ސަގާފަތާއި ތަރިކަ އާ ބެހޭ ވަޒީރު ހީނާ ވަލީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ފަންނާއި ސަގާފަތާއި ތަރިކަ އާ ބެހޭ ވުޒާރާގައި އިއްޔެ ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް ދެބޭފުޅުން ވެސް ވަނީ އަލިއަޅުއްވާލައްވައި, މި ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި މިދާއިރާއިން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.
މި އަހަރަކީ ދިވެހިރާއްޖެ އާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުކަން ސަފީރުވަނީ ފާހަގަކުރައްވާފައެވެ. އަދި މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް ޓަކައި ޖަޕާން ސަރުކާރާއި އެ އެމްބަސީއިން ރާވައިފައިވާ ހަރަކާތްތަކުގެ ތެރެއިން ދެ ގައުމުގެ ސަގާފަތުގެ މައުލުމާތުތައް ހިއްސާ ކުރެވޭނޭ ގޮތްތަކާ މެދު ވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ދިވެހި ސަރުކާރުން ޖަޕާން ސަރުކާރާ އެކު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1967 ގައެވެ. އޭގެ ފަހުން އެ ސަރުކާރުން ދަނީ ދިވެހިންނާއި އެކި ދާއިރާތަކުން ގާތް ގުޅުމެއް ބާއްވަމުންނެވެ. އޭގެ ތެރޭގައި މަސްވެރިކަމާއި ތައުލީމް, އަދި ޓެކްނޮލޮޖީއާއި މީހުން ބިނާ ކުރުމުގެ ދާއިރާ ފާހަގަކޮށްލެވެއެވެ.



