
މެސެޖިންގ ޕްލެޓްފޯމްތަކުގައި ހިންގާ އޮންލައިން ސްކޭމްތަކާއި، ފޭރުމާއި އަދި ގާނޫނާ ހިލާފު ހަރަކާތްތަކަށް ސަމާލުވަށް އިލްތިމާސްކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ޓެލެގްރާމް ފަދަ މެސެޖިންގ އެޕްލިކޭޝަންތަކުގައި ހިންގާ އަޑި ނޭނގޭ ގްރޫޕްތަކާއި، ޗެނަލްތަކާއި އަދި ވަކިވަކި ފަރުދުންނާ މުއާމަލާތްކުރުމުގައި އާންމު ރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިފަދަ ޕްލެޓްފޯމްތަކަކީ މުއާމަލާތްކުރުމަށް ބޭނުންކުރާ މަގުބޫލު ވަސީލަތްތަކަކަށް ވީނަމަވެސް، ބައެއް ފަރާތްތަކުން މި ވަސީލަތްތައް މެދުވަރިކޮށް، މަސްތުވާތަކެއްޗާއި، ވޭޕާއި، ހަށިވިއްކުމާއި އަދި މިނޫންވެސް ގާނޫނާ ހިލާފު މިފަދަ އެހެނިހެން ކަންކަމާއި މުދަލާއި ހިދުމަތްތައް އިޝްތިހާރުކޮށް، އެ ފަދަ ހިދުމަތްތައް ހޯދަން މަސައްކަތްކުރާ މީހުން ބްލެކްމެއިލްކޮށް ފޭރުމުގެ އަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ގިނަ ފަހަރަށް ކުށްވެރިން އާންމުންގެ އިތުބާރު ހޯދުމަށްޓަކައި، އެހެން މީހުންގެ ވަނަވަރު ބޭނުންކޮށްގެން ހަދާފައިވާ ފޭކް ޕްރޮފައިލްތަކާއި، ސައްހަނޫން ޕްރޮފައިލް ފޮޓޯ އަދި އިޝްތިހާރުތައް ބޭނުންކުރެއެވެ. މިފަދަ ފަރާތްތަކުން "ބުކިން ފީ"، "ސޭފްޓީ ޑިޕޮސިޓް" ނުވަތަ "ޑެލިވަރީ ޗާޖް" ފަދަ އެކި ނަންނަމުގައި ކުރިއާލައި ފައިސާ ހޯދައެވެ. ނަމަވެސް، އެދިފައިވާ މުދާ ނުވަތަ ހިދުމަތް ފޯރުކޮށްދިނުމުގެ ބަދަލުގައި، އެ މުއާމަލާތުގެ ތެރެއިން ހޯދާ މައުލޫމާތުތައް ބޭނުންކޮށްގެން މީހުން ބްލެކްމެއިލްކޮށް ބިރުދެއްކުމުގެ އަމަލުތައް ހިންގައެވެ.
ބޭންކް ޓްރާންސްފަރ ސްލިޕްތަކާއި، ސްކްރީންޝޮޓްތަކާއި، ފޯނު ނަންބަރާއި، އެކައުންޓްގެ ތަފްސީލު އަދި މެސެޖުތަކުގެ ރެކޯޑަކީ ކުށްވެރިން ނަހަމަ ގޮތުގައި ބޭނުންކުރާނެ މައުލޫމާތުތަކެކެވެ. މި މައުލޫމާތުތައް ބޭނުންކޮށްގެން، އެމީހެއްގެ އާއިލާއަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ނުވަތަ ފުލުހުންނަށް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުނެ ބިރުދައްކައި ފޭރުމުގެ އަމަލުތައް ދަނީ ހިންގަމުންނެވެ.
މީގެ އިތުރުން، ބައެއް ހާލަތްތަކުގައި ކުށުގެ ޝިކާރައަކަށްވި މީހާއަށް މަޖުބޫރުކޮށްގެން ކުށްތަކުގައި ބައިވެރިކުރުވައެވެ. މީގެ ތެރޭގައި މަނީ ލޯންޑްރިންގފަދަ ގާނޫނާ ހިލާފު ފައިސާގެ މުއާމަލާތްތައް ހިންގުމާއި، މަނާ ތަކެތި އުފުލުވުމާއި އަދި އިތުރު މީހުން މިފަދަ ގްރޫޕްތަކަށް ވެއްދުން ހިމެނެއެވެ. މިއީ އެމީހަކު ބޮޑެތި ގާނޫނީ އަދި މާލީ ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަންކަމެވެ.
ގުޅުންހުރި

މެސެޖިންގ ޕްލެޓްފޯމްތަކުގައި ހިންގާ އޮންލައިން ސްކޭމްތަކާއި، ފޭރުމާއި އަދި ގާނޫނާ ހިލާފު ހަރަކާތްތަކަށް ސަމާލުވަށް އިލްތިމާސްކޮށްފި

ސިންގަޕޫރު ޕޮލިސް ފޯސްއިން ހިންގި ސީނިއާ ޕޮލިސް އޮފިސަރ ބޭސިކް ކޯސް ދިވެހި ދެ ފުލުހަކު ފުރިހަމަކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ ދެމީހަކު ޖަލަށްލުމަށް ހުކުމްކޮށްފި




