
ދުރާލާ އިންޒާރުދޭ ނިޒާމުގެ މަސައްކަތް ހަރުދަނާ ކުރަނީ
# މޫސުމީ ބަދަލު# އަލީ ޝަރީފް# ދުރާލާ އިންޒާރުދޭ ނިޒާމުމޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް
މޫސުމީ ބަދަލުތަކުން ދުރާލާ އިންޒާރު ދޭ ނިޒާމުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ރާއްޖޭގެ ރާޑަރު ނެޓްވޯކް ވަރުގަދަކުރުމުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރު މަރުހަލާގައި ކަމަށެވެ.
މިހާރު ރާއްޖޭގައި މޫސުމީ ރޭޑަރެއް ހުރީ ހަމައެކަނި ހުޅުލޭގައި ނަމަވެސް، ރޭޑަރު ނިޒާމު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު ރޭޑަރުތައް ހަރުކުރުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އެގޮތުން އައްޑޫ ސިޓީ ގަމުގައި ބޮޑު ރޭޑަރެއް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޮބްޒަވޭޝަން ނެޓްވޯކް ވަރުގަދަކުރުމަށްޓަކައި އެކި ސަރަހައްދުތަކުގައި ކުދި ރޭޑަރުތައް ހަރުކުރުމަށް ވަނީ ނިންމާފައެވެ.
"މި އޮބްޒަވޭޝަން ނެޓްވޯކް ފުޅާކުރުމަކީ ދުރާލާ އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ އެންމެ މުހިންމު މަސައްކަތް،" ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތަކީ ޒަމާނީ ވަސީލަތްތަކަށް އިންވެސްޓްކޮށް، ކޮންމެ ރަށެއްގެ ރައްޔިތަކަށްވެސް މޫސުމީ ކާރިސާތަކުން ރައްކާތެރިވުމުގެ އިންޒާރު ދުރާލާ ލިބޭނެ ގޮތް ހެއްދެވުމެވެ. މިކަމަށްޓަކައި "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024-2030" މިހާރު ވަނީ އެކުލަވާލާފައެވެ.
މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުން ދަނީ ބައިނަލްއަޤުވާމީ މައިދާނުގައި ވަކާލާތު ކުރަމުންނެވެ. އެގޮތުން ގްރީން ކްލައިމެޓް ފަންޑުން ރާއްޖެއަށް ދޭން ނިންމި 25 މިލިއަން ޑޮލަރުގެ އެހީގައި އދ.ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާއާ ގުޅިގެން މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް އެލާމް ސިސްޓަމްތައް ރާއްޖޭގެ ރަށްތަކުގައި ގާއިމްކުރުމަށްވެސް ވަނީ ނިންމާފައެވެ.



