
-
ބ ހިތާދޫ ބަނދަރު ތަރައްޤީކުރުމަށް ސަރުކާރުން ކުރިޔަށް ގެންދިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލައިފި އެވެ.

ހިތާދޫ ބަނދަރުގެ ބޭރުތޮއްޓާއި އެއްގަމުތޮށި ފަރުމާކުރުމާއި ބިނާކުރުމުގެ މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހާމަކުރަމުން އެމްޓީސީސީން އިއްޔެ ހާމަކުރި ގޮތުގައި މި މަޝްރޫއުގެ ހުރިޙާ އަމަލީ މަސައްކަތެއް މިމަހުގެ 7 ވަނަ ދުވަހު އެކުންުފުނީން ވަނީ ނިންމާލާފައި އެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން 28 ނޮވެމްބަރު 2021 ގައި 25.3 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހިތާދޫ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ރައްކާތެރިކަމުގެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 27,435 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 335.88 މީޓަރުގެ އެއްގަމުތޮށި ލުމާއި، 595.7 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން ބަނދަރުގެ ބޭރުތޮށި ލުމާއި، ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.
އިތުރު ވަސީލަތްތަކަށް ބަލާއިރު، 1,729.4 އަކަމީޓަރުގެ ސަރަޙައްދެއްގައި ބަނދަރުގެ ޕޭވްމަންޓް ހަދައި، 75 މީޓަރުގެ ޖެޓީއަކާއި 22 މީޓަރުގެ ބްރިޖެއްގެ އިތުރުން ރޭމްޕެއްވެސް ވަނީ ގާއިމުކޮށްފައެވެ. މި ވަސީލަތްތަކާއެކު ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.





