
ފިއުލް ސްޓޯރޭޖު ގާއިމުކުރުމަށް މާލެ ކައިިރިން ފަޅުތަކެއް ބަލަނީ، ފީޒިބިލިޓީ ސްޓަޑީގެ މަސައްކަތްވެސް ކުރިޔަށް!
# ހަނގުރާމަ ކޮމެޓީ-
ނޭޝަނަލް ފިއުލް ސްޓޯރޭޖު ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، އަދި ކޮމިޓީގެ ޗެއަރ، މޫސާ ޒަމީރު ވިދާޅުވީ، އެ ވުޒާރާއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާ ގުޅިގެން، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ)އިން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތުން، ފިއުލް ސްޓޯރޭޖު ތަރައްޤީކުރާނެ ބައެއް ލޮކޭޝަންތައް ފާހަގަކުރެވިފައިވާކަމަށެވެ.
ސްޓޯރޭޖު ގާއިމުކުރާ ސަރަޙައްދުތަކަކީ ދަތުރުފަތުރާ ގުޅުންހުރި ކަންކަމަށް ފަސޭހަ، އަދި މޫސުމީ ގޮތުން ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ބަލައިގެން އެންމެ އެކަށީގެންވާ ސަރަޙައްދުތަކަށް ވާންޖެހޭއިރު، އެ ތަންތަނަކީ ނިސްބަތުން ބޮޑެތި އުޅަނދުފަހަރަށް ކައިރިކުރެވޭ ގޮތަށްވެސް ހުރި ސަރަޙައްދުތަކަށް ވާންޖެހޭ ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
3 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަވާ މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، މާލެ ކައިރި ސަރަޙައްދުން 2 ރަށެއްގެ ކައިރީގައި އޮތް ފަޅުގެ ސަރަޙައްދު ބެލުމުގެ މަސައްކަތްކުރިއަށްދާކަމުގައި ވަޒީރު ހާމަކުރެއްވިއެވެ. އަދި ތަނުގެ ފަރުމާއާއި ފައިނޭންސިންގްއާއި ގުޅުންހުރި ފީޒިބިލިޓީ ސްޓަޑީވެސް ކުރިއަށްދާކަމަށާއި، ކަމާ ގުޅުންހުރި ސާރވޭގެ މަސައްކަތް، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ފެށޭނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
އަމާޒަކީ ކުރިއަށް އޮތް 2 ހަފުތާގެ ތެރޭގައި މިކަން ނިންމައި، ތަފްސީލީ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުން ކަމުގައި ވަޒީރު ވިދާޅުވިއެވެ. މިފަދަ ތެލުގެ ރިޒާވެއް ރާއްޖޭގައި ގާއިމުކުރުމާ މެދު ބިނާކުރަނިވި ފާޑުކިޔުންތަކެއްވެސް ލިބިވަޑައިގެންފައިވާއިރު، އެކަންކަމަށް މަރްޙަބާ ވިދާޅުވާ ކަމަށާ، އުފެދިފައިވާ ސުވާލުތަކަށް، ފީސިބިލިޓީ ސްޓަޑީގެ ތެރެއިން ޖަވާބުތަކެއް ލިބޭނެކަންވެސް މިނިސްޓަރ ޒަމީރު ފާހަގަކުރެއްވިއެވެ.



