
ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ރައީސް އަޅުއްވަން ގަސްތުކުރައްވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ޕީއެންސީގެ އެސްޖީ މުއާޒް އިސްތިއުފާދީފި
# މުއާޒް ހަލީމް-
ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު އަޅުއްވަން ގަސްތުކުރައްވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ޕީއެންސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން މުއާޒް ހަލީމް އިސްތިއުފާދީފިއެވެ.

މިކަން މުއާޒް ހަލީމް މިއަދު ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ.
އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ހިންގުން ހަރުދަނާކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާތީ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.
" ޕާޓީގެ ސެކެޓްރީޖެނެރަލްގެ މަޤާމުގައި އަޅުގަނޑަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ، މިއަދުން ފެށިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ސެކެޓްރީޖެނެރަލްގެ މަޤާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ." މުއާޒްގެ ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.
މުއާޒް މަގާމުން އިސްތިއުފާ ދެއްވި އިރު ޕާޓީއާއި ސަރުކާރުގެ ހިންގުން ރައްޔިތުންގެ ވިންދާ އެއްގޮތަށް ހިންގެވުމަށްޓަކައި ގިނަ ބަދަލުތަކެއް ރައީސް ދަނީ ގެންނަވަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ސަރުކާރުގެ ކެބިނެޓުވެސް އަލުން ވަނީ އެކުލަވާލައްވާފައި އެވެ.



