
ދުނިޔޭގެ ސިއްހަތު ރައްކާތެރިކުރުމުގައި ސައިންސުގެ އަލީގައި ކުރެވޭ މަސައްކަތް މުހިންމު - ރައީސް
# ރައީސް މުއިއްޒުރައީސް ޑރ. މުހައްމަދު މުއިއްޒު --
ދުނިޔޭގެ ސިއްހަތު ރައްކާތެރިކުރުމަށް ސައިންސްގެ އަލީގައި ކުރެވޭ މަސައްކަތްތައް މުހިންމު ކަމަށް ރައީސުލްޖުމްހޫރޮއްޔާ ޑރ. މުހަމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ، ސޯޝަލް މީޑިއާ އާއި އާޓިފިޝަލް އިންޓެލިޖެންސް(އޭ.އައި)ގެ ސަބަބުން ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފެތުރެމުންދާ މި ދަނޑިވަޅުގައި، ސައިންސަށް ބިނާކޮށް ގޮތް ނިންމުމަކީ ކުރިއަށްވުރެ ބޮޑަށް މުހިންމުވެފައިވާ ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ހެއްކަށް ބިނާކޮށް ގޮތް ނިންމުމުގެ ސަގާފަތެއް ދަމަހައްޓަމުން އަންނަ ގައުމެއްކަން ކަށަވަރުކޮށްދެއްވިއެވެ. އަދި ރާއްޖޭގެ ޞިއްޙީ ސިޔާސަތުތައް ބިނާވެފައިވަނީ ޒަމާނީ ސައިންސާއި، ޓެކްނޮލޮޖީ އަދި ސާބިތު ހެކިތަކުގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މޭރުމުން، ޞިއްޙީ ނިޒާމު ހަރުދަނާކޮށް، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު އެމަނިކުފާނު ހިއްސާކުރެއްވިއެވެ. އޭގެ ތެރޭގައި ޑިޖިޓަލް ހެލްތުގެ ޚިދުމަތް ފުޅާކުރުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޯދުންތަކާއި ހެކިތަކުގެ ބޭނުން ހިފުމާއި، ބަލިތައް ދެނެގަތުމާއި މޮނިޓަރކުރުމުގެ ފަންނީ އުސޫލުތައް ހަރުދަނާކުރުން ހިމެނެއެވެ. މީގެ އިތުރުން ޞިއްޙީ މައުލޫމާތު ބެލެހެއްޓުމުގެ ނިޒާމު އެއްވިއުގައަކުން ގުޅާލުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބާރުއެޅުމާއި، ދުރާލާ ބަލިތައް ދެނެގަތުމަށް އިސްކަންދިނުމުގެ އިތުރުން، ފަރުވާގެ ޚިދުމަތްތައް ހަރުދަނާކަންމަތީ ފޯރުކޮށްދިނުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދުނިޔޭގެ ޞިއްހަތު ޖަމުޢިއްޔާ (WHO) އާއި ބައިނަލްއަގުވާމީ އެހެނިހެން އިދާރާތަކާއެކު ރާއްޖެއިން ބާއްވާ ގާތް ގުޅުން ފާހަގަކުރައްވައި، މީގެ ސަބަބުން ޞިއްޙީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތަކުގެ މަންފާ ރާއްޖެއަށް ލިބޭކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޞިއްޙީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށާއި، ގައުމުތަކުގެ އަމިއްލަ ހާލަތާ ގުޅޭ ހެކިތައް ހޯދުމަށް އިސްކަންދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ ޞިއްޙީ މަސައްކަތްތަކަކީ ސާބިތުވެފައިވާ ސައިންސުގެ މައްޗަށް ބިނާވެފައިވާ ކަންކަންކަން ކަށަވަރުކުރުމަށްޓަކައި، ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، މުޖުތަމަޢުގެ ދުޅަހެޔޮކަމާއި އުންމީދު ދެމެހެއްޓުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ތަޙުނިޔާ ފޮނުއްވަމުންނެވެ. އަދި 'ޓުގެދަރ ފޮރ ހެލްތު، އެންޑް ޓު ސްޓޭންޑް ވިތު ސައެންސް' ނުވަތަ،'ސިއްހަތަށްޓަކައި އެކުގައި، ސައިންސާއެކު ސާބިތުވެ ތިބުމަށް ދިވެހި ރައްޔިތުންނަށާއި ބައިނަލްއަގުވާމީ މުޖުތަމަޢަށް އިލްތިމާސްކުރައްވަމުންނެވެ.
ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، މި ޝުއޫރުތައް ތަކުރާރުކުރައްވައި، 'ވަން ހެލްތު އިނީޝިއޭޓިވް' ކުރިއަށް ގެންދަންވާނީ ސައިންސަށް ބިނާވެފައިވާ އުސޫލުތަކުގެ މައްޗަށްކަން ބަޔާންކުރައްވައި އެކަމަށް ބާރުއަޅުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ އެކަމަނާގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، ހެއްކަށް ބިނާވެފައިވާ ޞިއްޙީ ހައްލުތައް ހޯދުމަށާއި ދިރާސާތަކަށް ކުރާ ހޭދަ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވި ގޮވާލެއްވުން ތަކުރާރުކުރައްވާފައެވެ. ޞިއްޙަތާއި ތިމާވެއްޓާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމީ ބަދަލުތަކާއި، ބޭހަށް ނުގުޑާ ބަލިތަކާއި، އަދި އަލަށް ފެންނަ ބަލިތައް ފަދަ، ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތަކުގެ މެދުގައި އެއްބާރުލުން ބޭނުންވާކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ފާގަތި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ކުރިއެރުވުމަށް އެކަމަނާ ގޮވާލެއްވިއެވެ.
ގުޅުންހުރި

ދުނިޔޭގެ ސިއްހަތު ރައްކާތެރިކުރުމުގައި ސައިންސުގެ އަލީގައި ކުރެވޭ މަސައްކަތް މުހިންމު - ރައީސް

ރައީސްގެ ދެކަނބަލުން ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފި، މަރުހަބާ ދެންނެވީ މަދީނާގެ ގަވަރުނަރު!

މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު ބޮޑުކޮށްފި




