
މާލޭގެ ތަރައްޤީއަށްޓަކައި ޕާޓީ ރޫހު ދޫކޮށް ގައުމީ ވިސްނުމުގައި މޫސާ އަލީ ޖަލީލަށް ވޯޓު ދެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި
# ރައީސް މުއިއްޒު-
ކުރިއަށް އޮތް މާލެ ސިޓީގެ މޭޔަރު ބައި-އިލެކްޝަނުގައި، މާލޭގެ ރައްޔިތުން އެދޭ ފަދަ ތަރައްޤީއެއް ހޯދައިދިނުމަށްޓަކައި ޕާޓީ ރޫހު އެއްފަރާތްކޮށް، ގައުމީ ވިސްނުމުގައި ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފިއެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް، އިހުލާސްތެރިކަމާއި މުރާލިކަމާއެކު މަސައްކަތް ކުރައްވާނެ ބޭފުޅަކީ މޫސާ އަލީ ޖަލީލު ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި މިއީ ސުވާލު އުފައްދަންޖެހޭ ކަމެއް ނޫންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ، މިއަދު ގައުމުގައި އޮތް އަމާންކަމަކީ މޫސާ އަލީ ޖަލީލު ފަދަ ގައުމީ ހިދުމަތްތެރިން ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އެހެންކަމުން، އެމްޑީޕީގެ މެންބަރުންނަށް ވެސް މިއަދު އަމާންކަމާއެކު ތިއްބެވުމުގެ ފުރުސަތު ލިބިފައިވަނީ މިފަދަ ބޭފުޅުންގެ ގައުމީ ހިދުމަތުގެ ސަބަބުންކަން ހަނދާންކޮށްދެއްވަމުން، ވޯޓު ދެއްވުމުގައި ޕާޓީގެ ފިކުރަށްވުރެ ބޮޑަށް މާލޭގެ ކުރިމަގާއި ތަރައްޤީއަށް އިސްކަންދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މިރޭގެ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން، ސަރުކާރާއި ޕާޓީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެވަޑައިގަތެވެ.
ގުޅުންހުރި

ސަޢޫދީ އަރަމްކޯގެ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެ ޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށް ރައީސްގެ ތައުޒިޔާ!
އިޤްތިޞާދުގެ ޙަޤީޤީ ބާރަކީ ކުދި ވިޔަފާރިތައް - ރައީސް

500 މީހުންނަށް ފަރުވާ ދެވޭ ވަރުގެ ބޮޑު ސެންޓަރެއް ހިންމަފުށީގައި ހަދަން ނިންމައިފި




