
އަނގޮޅިތީމު ބަނދަރުގެ ނެރު ފުންކުރުމާއި ފަތާ ސަރަޙައްދު ފުންކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢު އެމްޓީސީސީއަށް!
# ރ އަނގޮޅިތީމު-
ރ. އަނގޮޅިތީމު ބަނދަރުގެ ނެރު ފުންކުރުމާއި ފަތާ ސަރަޙައްދު ފުންކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ ގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، އިސްމާޢިލްހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ، އަޙްމަދު ޝަރީފު އަބްދުލް ރަޙްމާން ޔޫސުފް އެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން 7815 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުގެ ނެރު ފުންކުރުމާއި 102 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 21 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި 5099 ކިއުބިކް މީޓަރުގެ ފަތާ ސަރަހައްދު ފުން ކުރުމާއި 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 110 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެކަމަށެވެ.
މީގެ އިތުރުން 105 މީޓަރު ދިގު 5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
މި މަޝްރޫޢަކީ 36.67 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢެކެވެ.
.gif&w=3840&q=75)



