
-
ހއ.އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީ ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)އިން މި މަސައްކަތް ހަވާލުކުރީ ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެގޮތުން މި މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އެމްޕީއެލްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ޢަލީ ހާޝިމެވެ. ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ސަވާދެވެ.ސަސް އީ ކޮންސްޓްރަކްޝަންއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެއް ފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭ މެރީނާއެއް ތަރައްޤީ ކުރެވޭނެ ކަމަށާއި މި މެރީނާއިން ޔޮޓު ފަހަރަށް ބޭނުންވާ މައިގަނޑު ޚިދުމަތްތައް ލިބޭނެ ކަމަށާއި، އަދި އިމިގްރޭޝަނާއި ކަސްޓަމްސްގެ ޚިދުމަތްވެސް މި މެރީނާއިން ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައި އެވެ.
އެމްޕީއެލްއިން ވަނީ ޔޮޓް މެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްޤީކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތްތައްވެސް މިހާރު ކުރަމުންދާކަން ހާމަކޮށްފައެވެ.
އުލިގަމުގައި ޔޮޓް މެރީނާ ތަރައްޤީ ކުރުމަށް ވަކިން ޚާއްޞަ ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. އަދި މޫދުގައި އަޅާ ފްލޯޓިން ޕްލެޓް ފޯމް 3 މީޓަރު ފުޅާވާނެ ކަމަށާއި މިސަރަޙައްދަށް ކައިރި ކުރެވޭނީ، 12 މީޓަރާއި 15 މީޓަރުގެ ދިގު އުޅަނދުފަހަރަށް ކަމަށްވެސް އެމްޕިއެލްއިން ވަނީ ފާހަގަކޮށްފައެވެ.
އުލިގަމަކީ، ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރު ކުރާ މަންޒިލެކެވެ. ކޮންމެ އަހަރެއްގެވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ގިނަ ޢަދަދެއްގެ ޔޮޓްތައް އެރަށަށް ބަނދަރުކޮށް، ގިނަ އަދަދެއްގެ ފަތުރުވެރިން އެރަށަށް ފައިބައެވެ.
.gif&w=3840&q=75)




