
ޖޭއެސްސީ ބަދަލުކުރުމާއި މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނު އަސީސީއަށް އިސްލާހު ހުށަހެޅުމުގެ މަސައްކަތް އެބަކުރެވޭ - އުޝާމް
# އުޝާމް-
މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނު އަސާސީގައި މައްސަލަތައް އެބަހުރިކަން އެންމެންވެސް ގަބޫލުކުރާ ކަމަށާއި އެކަންކަން އިސްލާހުކުރަން މުހިންމު އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ހާމަކުރައްވައިފި އެވެ.

އުޝާމް މިކަން ހާމަކުރެއްވީ، ދުސްތޫރީ އެހެން މައްސަލަތައް ބާއްވާފައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް އަވަސް ކުރުމަށް ސަރުކާރުން ގެންގުޅޭ އެޖެންޑާ ސާފުކޮށް ބުނެދޭން ޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ވަރަށް ތަފްސީލުކޮށް މިއަދު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި މައްސަލަތަކެއް އެބަހުރި ކަމަށާއި، އެކަންކަން އިޞްލާޙު ކުރަންޖެހޭކަން އެއީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެއްކަން ފާހަގަކުރައްވައި އުޝާމް ވަނީ އެކަންކަން އިސްލާޙު ކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ޤާނޫނު އަސާސީއަށް 3 އިސްލާޙެއް ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވަން ނިންމަވާފައިވާ ކަން ހާމަކުރައްވާފައި އެވެ. އުޝާމް ވިދާޅުވީ ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަށް ނިންމާފައިވަނީ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށާއި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ޙައްލެއް ގެނައުމަށް ކަމަށެވެ.
މި އިސްލާޙުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާޙުގެ މަސައްކަތް މިވަގުތު ކުރިއަށް ގެންދަނީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފުކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ، ޤާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިޞްލާޙުތަކުގެ ތެރެއިން، އެ އިސްލާޙަކީ، އެއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ޤާނޫނު އަސާސީން ލާޒިމްކުރާ އިސްލާޙަކަށްވާތީ ކަމަށެވެ. އަދި ޤާނޫނު އަސާސީއަށް ދެން ގެންނަންޖެހޭ އިޞްލާޙުތަކަކީ، އެއަށް ޢަމަލު ކުރުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނު އަސާސީ ލާޒިމް ކުރާ އިޞްލާޙުތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އަދި ލޯކަލް ކައުންސިލް އިންތިޚާބަށް މުޅި ރާއްޖެ ތައްޔާރުވަމުންދާ ވަގުތު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ޚަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމެއްކަމަށާއި މުޅި ރާއްޖޭގައި އެފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ މަދުވެގެން 80 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށާއި، ކައުންސިލް އިންތިޚާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ޚަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް އިތުރަށް ވިދާޅުވީ ޤާނޫނު އަސާސީއަށް ދެން ގެންނަން ބޭނުންވާ އިޞްލާޙުތައްވެސް މާ ލަސްތަކެއް ނުވެ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި އެމަސައްކަތުގެ ތެރެއިން މިހާރު ހިނގަމުންދަނީ، އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށެވެ.
.gif&w=3840&q=75)



