
-
އިންޑިއާގެ ގައުމީ އެއަރލައިން، އެއަރ އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރު ފުރުން މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)އިން ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

އެއާ އިންޑިއާއަކީ ދިވެހިރާއްޖެއަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރި އިންޑިއާގެ ފުރަތަމަ އެއަރލައިންއެވެ.
މި މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ރާއްޖެ އައި އެއަރ އިންޑިއާގެ ފްލައިޓަށް ވަނީ ވޯޓަރ ސަލިއުޓެއް އަރުވައި ހޫނު މަރުޙަބާއެއް ކިޔާފައެވެ.
މި ފްލައިޓުން މިއަދު ޖުމްލަ 139 ފަސިންޖަރުން ރާއްޖެއަށް ދަތުރުކޮށްފައިވެއެވެ. މި ފްލައިޓުން ރާއްޖެ އައި ހުރިހާ ފަސިންޖަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ފިނިފެންމަލާއި ކުކީޒް ވަނީ ހަދިޔާކޮށްފައެވެ.
މިއީ އެއަރ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ކުރިއަށް ގެންދިޔަ ޚާއްސަ ހަރަކާތެކެވެ. އެއަރ އިންޑިއާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 21 ފެބްރުއަރީ 1976 ގައެވެ.







