
ރޯދައާ ދިމާކޮށް އެޗްޑީސީގެ "އެއްގެއިން އަނެއްގެއަށް" ތަކެތި ހަދިޔާކުރުމުގެ ކެމްޕެއިން މާދަމާ ފަށަނީ
# އެޗްޑީސީ-
ރަމަޟާން މަހާ ދިމާކޮށް ގޭބީސީތަކުން އުކާލާ ތަކެތީގެ ތެރެއިން، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި، ހަދިޔާކުރުމަށް މިއަހަރުވެސް "އެއްގެއިން އަނެއްގެއަށް" ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެޗްޑީސީން ނިންމައިފިއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭގެ އާބާތުރަ ފިލުމަށް ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު އާކުރުމަކީ ދިވެހިންގެ ތެރޭގައި އޮންނަ އާދައެކެވެ. އެގޮތުން އުކާލާ ތަކެތީގެ ތެރޭގައި މާބޮޑަށް ބާނުވާ، އަލުން ބޭނުންކުރެވޭނެ ތަކެތި ހިމެނެއެވެ. އެގޮތުން، "އެއްގެއިން އަނެއްގެއަށް" ކެމްޕެއިނަކީ، ރޯދައަށް ގޭބީސީތަކުން ތަކެތި އާކުރުމުގެ ތެރެއިން އެގޭގައި ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެޗްޑީސީން ބުނީ މި ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ތަކެތި ހަދިޔާ ކުރެވިދާނެ ކަމަށާއި މި ޕްރޮގުރާމުގެ ދަށުން ބޮޑަށް އަމާޒުކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށް ކަމަށެވެ.
މާދަމާއިން ފެށިގެން، މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގުރާމުގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު، އެތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު އެޗްޑީސީން ވަނީ ހަޖައްސާދީފައި އެވެ. ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ބާކީ އެއްވެސް އެއްޗެއް ހުރެއްޖެނަމަ، އެތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށްފަހު، އެ ފަރާތްތަކަށެވެ.
ޕްރޮގްރާމު ކުރިއަށްދާނެ ގަޑިތައް
ކޯލް ސެންޓަރު(ހޮޓްލައިން) އަށް ގުޅޭނެ ގަޑިތައް: އާދިއްތަ - ބުރާސްފަތި ( 09:00 – 13:00 ) / ހުކުރު ( 15:00 – 18:00 ) / ހޮނިހިރު ( 10:00 – 14:00 )
ތަކެތި ދޫކުރާ ގަޑިތައް: އާދިއްތަ - ހުކުރު (16:00 – 18:00) / ހޮނިހިރު (10:00 – 18:00)
މި ޕްރޮގުރާމުގެ މަގްސަދަކީ، ރަމަޟާން މަހުގައި އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުމެވެ. އަދި މިއީ، ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ނައްތާލަންޖެހޭ ކުނި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން، މިދިޔަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށްވެސް އެޗްޑީސީން ކުރިއަށްގެންދިޔަ މި ޕްރޮގުރާމަށް ބޮޑު ތަރުހީބެއް ލިބިގެންގޮސްފައިވެއެވެ.
އެއްވެސް ފަރާތަކުން މި ޕްރޮގުރާމަށް ތަކެތި ހަދިޔާކުރަން ބޭނުންނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.







